ޣައްޒާގެ އުތުރުގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލުގައި ތިބި ބަލި މީހުން އެ ތަނުން ހުސްކުރުމަށް ނިރުބަވެރި ޔަހޫދީ އިސްތިޢުމާރީ ފައުޖުން މަޖުބޫރު ކޮށްފައިވާ ކަމަށް އެ ސަހަރުގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ.
ޣައްޒާގެ އުތުރުގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަަލަކީ ޣައްޒާގެ ހަސްފަތާލު ތަކުގެ ތެރެއިން އަދިވެސް ކޮންމެވެސް ވަރަކަށް ޚިދުމަތް ދެވޭ މަދު ހަސްފަތާލުތަކުގެ ތެރެއިން އެއް ހަސްފަތާލެވެ. އެ ހަސްފަތާލު ހުުންނަނީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުތަކުގެ ނުރައްކާތެރި ޙަމަލާތަކެއް އަމާޒު ކުރަމުންދާ ސަރަޙައްދެއްގައެވެ.
ޔަހޫދީ ދައުލަތުން ބުނީ ހަސްފަތާލާ ކައިރި ސަރަޙައްދުތައް ކަމަށްވާ ބައިތު ލާހިޔާއާއި ބައިތު ޙާނޫނާއި ޖަބާލިއާގައި ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ ޙަރަކާތްތައް އަމާޒު ވަނީ ޔަހޫދީ ދައުލަތުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުން ޣައްޒާ ދިފާޢު ކުރުމަށް މަސައްކަތް ކުރަމުންދާ ޙަމާސްގެ މުޖާހިދުންނަށް ކަމަށެވެ. ހަސްފަތާލުތަކަށް ޙަމަލާ ދިނުމަށް ޔަހޫދީ ދައުލަތުން އަބަދުވެސް ކޮންމެވެސް ބަހަނާއެއް ދައްކާ ފަދައިން އިންޑޮނޭޝިއަން ހޮސްޕިޓަލަށް ޙަމަލާ ދިނުމަށް އެ މީހުން ދައްކާ އުޒުރަކީ އެ ހަސްފަތާލަކީ ޔަހޫދީ ފައުޖުތަކަށް ޙަމަލާ ދިނުމަށް ޙަމާސުން ބޭނުން ކުރާ ތަނެއް ކަމުގައި ބުނުމެވެ. އެ ސަރަޙައްދުތަކަށް ޙަމަލާ ދިނުމުގެ ކުރިންނާއި ޙަމަލާ ދިނުމުގެ ތެރޭގައި ހަސްފަތާލުން ބަލި މީހުންނާއި ޞިއްޙީ މަސައްކަތްތެރިން ނިކުތުމުގެ ފުރުޞަތު ދީ އެ ތަން ހުސްކުރުމަށް މަގުފަހި ކޮށްދިން ކަމަށް ބުނެ ޔަހޫދީ ދައުލަތުން ވަނީ އެ މީހުންނަކީ ވަރަށް ހެޔޮ ބައެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކޮށްފައެވެ.
ޔަހޫދީ ދައުލަތުން ކިތަންމެ ގިނަ އިންޒާރެއް ދިން ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު އެންމެ ފަހުގެ ޙަމަލާތައް ފެށުނީއްސުރެ ވެސް ތިން ހަސްފަތާލުގެ ވެރިން ވަނީ ހަސްފަތާލުތައް ހުސް ކުރުމަށް ނުވަތަ ބަލިމީހުން އެ މީހުންގެ ޙާލައިގެން ދޫކޮށްލާފައި ދިޔުމަށް ދެކޮޅު ހަދައިފައެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާގެ ޑިރެކްޓަރު މުނީރު އަލް-ބުރުޝް ވިދާޅުވީ ހަސްފަތާލުގައި އިސްކޮށް ޙަރަކާތްތެރިވާ މީހުންނަށް އެ ހަސްފަތާލު ހުސް ކުރުމަށް ޔަހޫދީ ފައުޖުން ހޯމަ ދުވަހު ޢަމުރު ކޮށްފައިވާ ކަމަށެވެ. ޖެހިގެން އައި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޔަހޫދީ ފައުޖުތަކުން ވަނީ ހަސްފަތާލަށް ވަދެގަނެފައެވެ. އަދި ހަސްފަތާލުގައި ތިބި މީހުން އެ ތަން ދޫކޮށް ދިއުމަށް މަޖުބޫރު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އުތުރު ޣައްޒާގައި ހުންނަ ޞިއްޙީ ފަރުވާ ދޭ އިތުރު ދެ ތަނެއް ކަމުގައިވާ އަލް-އަވްދާއާއި ކަމާލް އަދްވާން ހޮސްޕިޓަަލަށް ވެސް ޔަހޫދީ ފައުޖުތަކުން ތަކުރާރުކޮށް ޙަމަލާ ދޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހޯމަ ދުވަހުން ފެށިގެން އެ ދެ ހަސްފަތާލު ހުންނަ ސަރަޙައްދުތަކުގައި ވެސް ޔަހޫދީ ފަައުޖުތައް ޙަރަކާތްތެރި ވަމުންދާ ކަމަށް ޑޮކްޓަރުން ބުނެއެވެ.
ކަމާލް އަދްވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ހުސާމް އަބޫ ސާފިޔާ ވިދާޅުވީ އެ ހަސްފަތާލުގައި ތިބި އެތައް ސަތޭކަ ބަލި މީހުންނާއި އެ މީހުންގެ އެހީތެރިންނާއި މަސައްކަތްތެރިން ހަސްފަތާލުން ހުސްކޮށް އެހެން ތަނަކަށް ބަދަލު ކުރުމަށް ޔަހޫދީ ފައުޖުތަކުން އަންގާފައިވާ ކަމަށެވެ. ފާއިތުވި ދުވަސްތަކުގައި ޔަހޫދީންގެ ވަރަށް ވަރުގަދަ ޙަމަލާތައް އެ ހަސްފަތާލަށް އަމާޒުވެފައިވާ ކަމަށާއި އެ ޙަމަލާތަކުަގައި ހަސްފަތާލުގެ ޖަނަރޭޓަރުތަކާއި އޮކްސިޖަން ޕަމްޕުތަކާއި އިމާރާތުގެ ބައެއް ބައިތައް ވެސް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެެވެ.
ފަލަސްޠީނުގެ ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި ޔަހޫދީ ދައުލަތުން މަސައްކަތް ކުރަމުންދަނީ އުތުރު ޣައްޒާގެ އާބާދީ ދާއިމީކޮށް ނައްތާލައި އެ ސަރަޙައްދު ބަފަރު ޒޯނަކަށް ހެދުމެވެ.