ޚަބަރު

ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ނިންމައި، އަންނަ އަހަރު މެދުތެރޭގައި ޚިދުމަތް ފެށޭނެ: ރީޖަނަލް އެއަރޕޯޓްސް


  • މުޅި މަޝްރޫޢުގެ %77 މަސައްކަތް ވަނީ ނިމިފައި

  • ފަސިންޖަރ ޓަރމިނަލްގެ މަސައްކަތް ވަނީ ނިމުމަކާ ގާތްވެފައި

  • ރަންވޭގެ މަސައްކަތް ވަނީ ނިންމާފައި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަޕޯޓްގެ ފަސިންޖަރ ޓާމިނަލްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށާއި، މުޅި މަޝްރޫޢުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މެދުތެރޭގައި ހުޅުވޭނެކަމަށް ރީޖަނަލް އެއަޕޯޓްސް ކުންފުނިން ވިދާޅުވެއްޖެއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރަނީ އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއާ ގުޅޭ މަޢުލޫމާތު ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ހިއްސާކުރައްވަމުން ރީޖަނަލް އެއަރޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވީ އެއަޕޯޓް މަޝްރޫއުގެ %77 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މިވަގުތު ކުރިއަށްދަނީ ފަސިންޖަރ ޓާމިނަލްގެ މަސައްކަތްކަކަމަށްވެސް މުބީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ އެއަރޕޯޓުގެ ކާގޯ ޓާމިނަލުގެ މަސައްކަތުގެ %90 މަސައްކަތް ނިންމާފައިވާކަމަށާއި، އެއަރޕޯޓް ޓަވަރުގެ %88 މަސައްކަތް ނިންމިފައިވާކަމަށް މުބީން ވިދާޅުވިއެވެ. ބައެއް ސަބަބުތަކާ ހުރެ މަސައްކަތްތަކަށް ލަސްތަކެއް އައިނަމަވެސް، މުޅި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިންމައި، ހުޅުވޭވަރު ވާނެކަމަށް މުބީން ވިދާޅުވިއެވެ.

"ގްރައުންޑް ހޭންޑަލިންއަށް ބޭނުންވާ ސާމާނުތައްވެސް ވަނީ މިހާރު ގެނެސްފައި. އެއަރޕޯޓުގަ އައު ވެހިކަލްތައް ބޭނުންކުރާނެ. ތެޔޮއެޅުމަށް ފިއުލް ޖެޓީއާއި ސްޓޯރޭޖެއް ޤާއިމްކުރާނެ. މިއި ފޮރިން ކުންފުނިތަކުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވަަރަށް ރަނގަޅަށް ހިނގަމުން އަންނަ މަޝްރޫޢުއެއް" ރީޖަނަލް އެއަރޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2023ވަނަ އަހަރުގެ ޖެނުއަރީމަހުއެވެ. މި މަޝްރޫއުގެ ދަށުން ތަރައްޤީކުރި 2465 މީޓަރުގެ ދިގު ރަންވޭ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.

މި މަޝްރޫޢު ކުރިއަށްގެންދަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއި ހަވާލުކޮށްގެންނެވެ. ރަންވޭއާއި ޓަރމިނަލްގެ އިތުރުން، ޔުޓިލިޓީ ބިލްޑިންގ، ފިއުލް ފާރމް އަދި އެއަރޕޯޓް ޖެޓީގެ މަސައްކަތްވެސް ކުރިއަށްދެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެދަށުން ސީޕްލޭން ޓަރމިނަލެއް ތަރައްޤީކުރުމަށް ވަނީ ނިންމަވާފައެވެ.