ޚަބަރު

2024: ދިވެހިވަންތަ ރިވެތި ސިފަތައް އިޢާދަކޮށް، ޤައުމީ ލޯބި އަށަގެންނެވި އަހަރެއް


  • ޢިލްމީ ލިޔެކިޔުން އުފައްދައި ޢިލްމު ފެތުރުމަށް ޤައުމިއްޔަތުގެ ކޮލެޖެއް އުފެއްދި

  • ތަރިކަ ރައްކާތެރިކޮށް، ބެލެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވި

  • ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު އުފައްދައި ޤައުމިއްޔަތުގެ ދިރާސާތައް ފެށުނު

ދިވެހި ޤައުމީ ބަހާތައް ދިވެހިންގެ ހިތްތަކުގައި ބިންވަޅުނަގުވައި، ދިވެހިންގެ ޒަމާންވީ ރީތި ސިފަތައް އަލުން ދިވެހިންގެ ކިބައިގައި އަށަގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފެއްޓެވީ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް މަތިކުރައްވާ ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއެއް އުފެއްދެވިއެވެ.

މި ވުޒާރާގެ މަސައްކަތްތައްވެފައިވަނީ ޢިލްމީ އަދި ފިކުރީ މަސައްކަތްތަކަކަށެވެ. ޤައުމިއްޔަތުގެ ބަހާތައްކަމުގައިވާ ދިވެހިންގެ ދީނާއި ދިވެހިންގެ ޤައުމާއި ދިވެހީންގެ ރާއްޖެއާއި ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ ބަހާއި ދިވެހިންގެ ސަގާފަތް ދިރުވާ އާލާކޮށް، މި ޤައުމުގެ މެދުގައި އެކަންކަން ދެމެހެއްޓުންވެފައިވަނީ ވުޒާރާގެ މަސައްކަތްތަކުގެ ބިންގަލަށެވެ.

ދިވެހި ޤައުމިއްޔަތު އިޢާދަކުރުމަށް ދިވެހިބަހާބެހޭ ވުޒާރާއިން ފެއްޓެވި އެއް މަސައްކަތަކީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ނަމުގައި ޤައުމިއްޔަތުގެ ކޮލެޖެއް އުފެއްދެވުމެވެ. މިދިޔަ ސެޕްޓެމްބަރުމަހުގެ 4ވަނަ ދުވަހު މިކޮލެޖު އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ޤައުމިއްޔަތުގެ ކޮލެޖަކީ ދިވެހިންގެ ތާރީޚު ރިކޯޑުކޮށް ބަލަހައްޓައި ދިވެހިންގެ އަސްލުތަކާއި ނަސްލުތަކާބެހޭ ޢިލްމީ ދިރާސާތައް ކުރުމަށް އުފައްދަވާފައިވާ ކޮލެޖެކެވެ. ޤައުމިއްޔަތުގެ ދާއިރާއަށް އަލަށް ގުޅޭ ޒުވާނުންނާއި މި ދާއިރާއިން ކިޔަވާ ކުދިން އިތުރުކޮށް، ޤައުމިއްޔަތު ދިރުވުމަށް ޝައުޤު އުފެއްދުމަކީވެސް ކޮލެޖުގެ މަސައްކަތެކެވެ.

މި ކޮލެޖުން ޤައުމިއްޔަތުގެ އެކި ބަހާތަކުން ދިވެހިން ހޯދާ ކުރިއެރުންތައް ރިކޯޑުކޮށް ބަލަހައްޓައި، އެކަންކަމުގެ ލިޔުންތައް ތައްޔާރުކުރާނެއެވެ. އަދި ޤައުމިއްޔަތާގުޅޭ ޢިލްމީ އެކި ލިޔެކިޔުން ދިވެހިބަހަށް ތަރުޖަމާކުރުމަކީވެސް ކޮލެޖުގެ މަސައްކަތެކެވެ. މި ކޮލެޖުގެ މަސައްކަތްތައް އަމާޒުވާ އެކި ބައިތަކަށް ވެރިއަކު ނުވަތަ އިސްވާރަކު މިހާރު ވަނީ އައްޔަންކޮށްފައެވެ. އަހަރުގެ މިހާތަނަށް އައިރު ކޮލެޖުން ވަނީ ޤައުމިއްޔަތާގުޅޭ މަހާސިންތާއެއް ބާއްވާފައެވެ.

މި މަހާސިންތާގައި އެކި ދާއިރާތަކުގެ ޢިލްމީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަހާސިންތާގައި ދިވެހި ތާރީޚާއި ދިވެހިންގެ އަސްލުތަކާއި ދިވެހި ސުމޭކާއި ފަންނުގެ ދާއިރާއިން މަޢުލޫމާތު ދީފައިވެއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ކުރައްވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ދިވެހި އާސާރުތަކާއި މަޢުނަވީ އަދި މާއްދީ ތަރިކަތައް ރައްކާތެރިކަމާއެކު ބަލަހައްޓައި، އެ ތަރިކަތައް މުސްތަޤުބަލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުން ހިމެނެއެވެ. ދިވެހި ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަށް ސަރުކާރުތަކަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ އެކަމަށް ބޭނުންވާ ފައިސާ ނެތުމާއި ތަމްރީންވެފައިވާ މީހުން ނެތުމެވެ. ސަރުކާރުގެ ސިޔާސަތުތައް ބައްޓަންވެފައިވަނީ މި ދެ މައްސަލަވެސް ޙައްލުވާނެ ގޮތަށެވެ.

އެގޮތުން ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަށް ބޭނުންވާ ފައިސާގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން ސަރުކާރުން ވަނީ ތަރިކައިން އާމްދަނީ ހޯދުމަށް ނިންމަވާފައެވެ. ތަރިކައިގެ ފަތުރުވެރިކަމެއް ކުރުމަށްޓަކައި ދިވެހިބަހާބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ބޮޑުތަކުރުފާނުގެ ޖިހާދުގައި ބޭނުންކުރެއްވި އޮޑިކޮޅު "ކަޅުއޮށްފުންމީ"ގެ ނަކަލު މާލެ ގެނެސް، ރަސްރަނި ބަގީޗާގައި ބޭއްވުމަށް ހަރުގެއެއް އަޅާ އެތަން ފަތުރުވެރިން ޒިޔާރަތްކުރާ ހިއްވާކަހަލަ ތަނަކަށް ބަދަލުކުރުމަށްދަނީ މަސައްކަތްކުރަމުންނެވެ. އަދި ރަސްރަނި ބަގީޗާގައި ހުންނަ އުސްގެކޮޅު ހިމެނޭ ސަރަހައްދުވެސް ތަރައްޤީކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ތަރިކައިގެ ފަތުރުވެރިކަމެއްކުރުމަށް މި ސަރަހައްދުތައް ތަރައްޤީކުރަން ހަމަޖެހިފައިވަނީ ތާރީޚުގެ އެކި ވާހަކަތައް ޑިޖިޓަލްކޮށް ބަލައިލެވޭ ބޮޑެތި ސްކްރީންތައް އެތަންތަނުގައި ހަރުކުރުމާއެކުއެވެ. ނުވަތަ "އިމަރސިވް އެކްސްޕީރިއެންސް"އެއް ކުރެވޭ ގޮތަށެވެ.

ތަރިކަ ބެލެހެއްޓުން ހަރުދަނާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ދިވެހިބަހާބެހޭ ވުޒާރާއިން ވަނީ ނިންމަވާފައެވެ. އެގޮތުން ޔުނެސްކޯއާ ބައްދަލުކުރައްވައި ތަރިކައިގެ ދާއިރާއިން ދިވެހިން ތަމްރީންކުރުމަށް ބޭރުގެ ތަޖުރިބާކާރުން ރާއްޖެ ގެނައުމަށް ވުޒާރާއިން މަޝްވަރާކުރެއްވިއެވެ. އަދި މަޢުނަވީ ތަރިކައިގެ ތެރޭގައި ހިމެނޭ ދިވެހި ޅެންވެރިކަން ހިމާޔަތްކުރުމަށްވެސް މަޝްވަރާކުރެއްވިއެވެ. ހަމައެއާއެކު ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމުގެ ގޮތުން ރެސްޓޮރޭޝަން ލެބެއް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައިވެސް ދިވެހިބަހާބެހޭ ވުޒާރާއިން މި ވޭތުވެދިޔަ 1 އަހަރުގެ ތެރޭގައި ބޭރުގެ އެކި ފަރާތްތަކާއެކު މަޝްވަރާކުރައްވާފައިވެއެވެ.

ދިވެހިބަހާބެހޭ ވުޒާރާއިން ކުރައްވަން ފައްޓަވާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ދިވެހި ޤައުމިއްޔަތާ ގުޅޭ އެކި ދިރާސާތައް ހެދުން ހިމެނެއެވެ. މިއީ ޢިލްމީ ނަޒަރަކުން ރާއްޖޭގެ ޤައުމިއްޔަތަށް ބަލައި، ޤައުމިއްޔަތެއް ދެމިއޮތުމުގެ މުހިންމުކަން ދެނެގަތުމަށް ކުރާ ދިރާސާތަކެކެވެ. ދިރާސާތައްކުރުމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު އުފައްދަވައި، 10 ވިލަރެސްވެރިންނާއެކު ދިރާސާގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.

ދިރާސާތައް އަމާޒުކޮށްފައިވަނީ ދިވެހިންގެ އަސްލާއި ނަސްލާއި ދިވެހިންގެ އުޅުންތަކާއި ތާރީޚާއި ދިވެހިން ކޮށްއުޅުނު މަސައްކަތްތަކުގެ މައްޗަށެވެ. މިތަނުން ތަފާތު ޢިލްމީ ފަލްސަފާތައް ރާއްޖެއާ ގުޅުވައި ލިޔުންތައް ޝާއިޢުކުރުމާއި ދިވެހީންގެ އެއްބައެއްވަންތަކަމާއި ދިވެހީން ދިވެހީންގެ ގޮތުގައި ދެމިއޮތުމުގެ ފިކުރެއް އާލާކޮށް ދެމެހެއްޓުމަށްޓަކައި ސޯޝިއޯ ޕޮލިޓިކަލް ތިއަރީތަކުގެ ނަޒަރުން ދިވެހި ޤައުމިއްޔަތާ ދޭތެރޭގައި ވިސްނައި ދިރާސާކުރާނެއެވެ. އަދި މި ދިރާސާތަކުގެ އަލީގައި ލިޔުން އުފައްދާ އެ ޝާއިޢުކުރުމަކީވެސް މި މަރުކަޒުގެ ވިލަރެސްވެރިންގެ މަސައްކަތެކެވެ.

ދިވެހިންގެ މެދުގައި ފޮތް ކިޔާ މީހުންނާއި ލިޔާ މީހުން އިތުރުކުރުމަކީވެސް ޤައުމިއްޔަތު މަޝްރޫޢުގެ މަޤުޞަދެކެވެ. އެހެންކަމުން މިކަން ޙާސިލުކުރުމަށް ސަރުކާރުގެ ފޮތް ޗާޕުކުރާ ޚިދުމަތެއްގެ ގޮތުގައި ކުރިން ހިންގި "ޤައުމީ ޗާޕުޚާނާ" ފެއްޓެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ޗާޕުޚާނާއިން މާލީ ތަނަވަސްކަން ނެތް މީހުންގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް މަގު ފަހިކޮށްދެވޭނެއެވެ.

ކޮންމެއަކަސް ޤައުމިއްޔަތު އަލުން އިޢާދަކުރުމުގެ މަޝްރޫޢަކީ އޭގައި ޢިލްމީ އެތައް ކަމެއް ހިމެނޭ، މުޖުތަމަޢުގެ ފިކުރާ ގުޅިފައިވާ މުހިންމު މަޝްރޫޢެކެވެ. މިއީ ދިވެހިންގެ ކިބައިގައި ރިވެތި ސިފަތަކެއް އަށަގަންނަވާނެ، ޤައުމުގެ ހިމާޔަތުގައި ތެދުވާނެ، ޤައުމަށްޓަކައި މަސައްކަތްކުރާނެ ދަރިންތަކެއް އުފައްދައިދޭނެ މަޝްރޫޢެކެވެ.