ޚަބަރު

ބޮޑެތި ޢަދަދުތަކުން ބަދަލުދިން މައްސަލާގެ ޖިނާޢީ ތަހުގީގު ހިންގަން ޕީޖީން އޭސީސީގައި އެދިއްޖެ


  • ކުރީ ސަރުކާރުން ބަދަލުގެ ގޮތުގައި ބޮޑެތި ޢަދަދުތަކުން ފައިސާ ދީފައިކަމަށް ތުހުމަތުކުރޭ

ކުރީ ސަރުކާރުގައި އެކި ފަރާތްތަކަށް ބޮޑެތި ޢަދަދުތަކުން ބަދަލުދިން މައްސަލައިގެ ޖިނާޢީ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފް، އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގައި އެދިވަޑައިގެންފިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލް މިކަމަށް އެދިވަޑައިގަތީ، 17 ނޮވެންބަރު 2018 އިން ފެށިގެން 17 ނޮވެންބަރު 2023 އަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ކޮމިޓީއަށް ފާހަގަވާ ކަންކަމުގެ ރިޕޯޓު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅުމާއި ގުޅިގެންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި، ދައުލަތުގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާއާއި މުދާ، އެ ތަކެތީގެ ޙައްޤުވެރިން ފިޔަވައި އެހެން ފަރާތްތަކަށްދީ، އަދި ދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމަށް ބަޔާންކޮށްފައިވާކަމަށެވެ. މިކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ޚިލާފަށް، އަދި ދައުލަތަށް ގެއްލުން ލިބޭގޮތަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، އެ ކަންކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަހުގީގުކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއްކަމަށް ފެންނާތީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގައި މި މަހުގެ 17ވަނަ ދުވަހު ދަންނަވާފައިވާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށާއި، ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން އެ އޮފީހާ މަޝްވަރާކުރަމުން ގެންދިއުމަށް އޭސީސީގައި ދަންނަވާފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.


މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ، ކުރީގެ ސަރުކާރުގެ ސެޓަލްމަންޓް ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން، އެކި ފަރާތްތަކަށް ބަަދަލުދިން މައްސަލައިގައި އޭރު އޮތް އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ, އަދި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރު ޢަލީ ޝިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާކުރެވޭނަމަ އެކަން ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ލަފާ އެރުވުމަށެވެ.

މާލިއްޔަތު ކޮމިޓީގެ ނިންމުމުގައިވަނީ ދައުލަތުގެ އިސް މަޤާމެއްގައި ހުރެ, ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ވާޖިބުތަކާ ޚިލާފަށް, ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ, އެ ފައިސާއާއި މުދަލުގެ ޙައްގުވެރިން ފިޔަވައި އެހެން ފަރާތަކަށް ލިބިދިނުމަށް މަސައްކަތް ކޮށްފައިވާކަމަށް ތިން ބޭފުޅުންގެ މައްޗަށްވެސް ތުހުމަތު ކުރެވޭކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރުމަށް ޕްރޮޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ދެންނެވުމަށް ފެންނަކަމަށާއި, ދައުވާ ކުރެވޭ ވަރަށް ހެކި ލިބިއްޖެ ނަމަ ދަޢުވާކޮށްދިނުމަށް ދެންނެވުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުން 2023 ވަނަ އަހަރަށް ބަދަލު ދިނުމުގެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުންތަކެއް ކަމުގައި ކޮމިޓީއަށް ފެންނަކަމަށާއި, އެ އެއްބަސްވުންތައް ބާތިލުކުުރުމަށް ކުރަންޖެހޭ އެންމެހާ ޤާނޫނީ ކަންކަން ކުރުމަށްވެސް ކޮމިޓީން ފާސްކޮށްފައިވެއެވެ. އަަދި މާލިއްޔަތު ޤާނޫނުން ބޭރުން އެއްވެސް ފަރާތަކަށް ބަދަލެއް ދީފައިވޭތޯ ބަލައި, އެގޮތަށް ބަދަލުގެ ގޮތުގައި ދީފައިވާނަމަ، އެބަދަލެއް ދައުލަތަށް އަނބުރާ ހޯދުމަށް ބަންޑާރަ ނައިބަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް އެންގުމަށްވެސް ވަނީ ފާސްކޮށްފައެވެ.

ސެޓްލްމަންޓް ކޮމެޓީ އުވައިލެއްވިއިރު، އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމަވާފައިވެއެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްރަށާއި ފަޅުތައް ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އޭރު ނިންމާފައިވާނެކަމަށް އަންދާޒާކޮށްފައިވެއެވެ.

މި އެއްބަސްވުންތަކުގެ ތެރެއިން 9 އެއްބަސްވުމަކީ ބާޠިލް އެއްބަސްވުންތަކެއް ކަމަށް ބަންޑާރަނައިބު މިހާރު ވަނީ ނިންމަވާފައެވެ. އަދި މި އެއްބަސްވުންތަކުން 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދިނުން ހުއްޓުވާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.