މާލޭގައި ފެންބޮޑުވީ އެންމެ ތިން ގަޑިއިރުގެތެރޭގައި ވަރަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ރޭ ދަންވަރު 12 އިންފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި ތިން ގަޑިއިރުގެތެރޭގައި 116 މިމީޓަރުގެ ވާރޭވެހުނުކަމަށާއި، މިއީ ވޭތުވެދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި ވެހުނު ވާރޭގެ 85.29 އިންސައްތަކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
ފާއިތުވި 24 ގަޑިއިރުގެތެރޭގައި މާލެއަށް 136.5 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާގެ މީޓިއޮރޮލޮޖިސްޓް އަޙްމަދު ޝާބިން ވިދާޅުވީ، މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުގެ އިތުރުން ދެކުނުން އުފެދިފައިވާ ކޮޅިގަނޑުވެސް މަޑުމަޑުން ރާއްޖޭއާ ދުރަށް ޖެހެމުންދާކަން ފާހަގަކުރެވިފައިވާކަމަށް ޝާބިން ވިދާޅުވިއެވެ.
އެ ދެ ކޮޅިގަނޑު ރާއްޖެއާ ދުރަށް ޖެހެން ފެށިމަނަވެސް މި ފެށޭ ހަފްތާގައި ވެސް އާންމުކޮށް ވައި ގަދަވާނޭކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް 22 އާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތަށް ގަދަވާނޭކަމަށް ވަނީ ލަފާކުރައްވާފައެވެ. ހަމައެހެންމެ އުތުރުގެ އަތޮޅުތަކާއި މެދު ރާއްޖެ ތެރެއަށް ވަރަށް ބޯކޮށް ވިއްސާރަ ވެހޭނޭކަން އެ އިދާރާއިން ވިދާޅުވެފައިވެއެވެ.
"ރާއްޖެ ސަރަހައްދުގަ އުފެދިފައިވާ މި ދެ ކޮޅިގަނޑު މިހާރު ރާއްޖެއާ ފުދޭވަރަކަށް ދުރަށް ޖެހެމުންދާތީވެ ބޮޑަށް މޫސުން ގޯސް ދުވަސްވަރު މި ފާއިތުވީކަމަށް ގަބޫލުކުރެވޭ. އެހެންކަމުން މަޑުމަޑުން ރަނގަޅުވަމުން ދާނޭކަމަށް މި ލަފާކުރެވެނީ. އެހެންކަމުން ދެކުނުގެ ސަރަހައްދަށް ވެސް ވައި ބާރުކޮށް އަދި ކަނޑު ގަދަކޮށް ހިފަހަށްޓާ ހިފެހެއްޓުން ގާތްގަނޑަކަށް އާދީއްތަ ދުވަހުގެ މެންދުރުފަހަކާ ހަމައަށް ޖެހިލާ އިރު އާންމު ހާލަތަކަށް ބަދަލުވާނޭކަމަށް ލަފާކުރެވޭ." ޝާބިން ވިދާޅުވިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން އެ އިދާރާއިން ނެރެމުންދާ އެންމެފަހުގެ މޫސުމީ ނިމުންތަކާއި ސަމާލުތަކަށް އިސްކަންދިނުމަށް އެދިވަޑައިގެންފައެވެ.