ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރުވެސް ގުގުރުމާއެކު މުޅި ރާއްޖެއަށް ވިއްސާރަކުރާނެ: މެޓު


  • މޫސުން އަލިވާން ފަށާނީ އާދީއްތަ ދުވަހުގެ މެންދުރު ފަހުން ފެށިގެން

ކުރިއަށް އޮތް ސައުވީސް ގަޑިއިރުވެސް މުޅި ރާއްޖެއަށް ވިއްސާރަކޮށް ގުގުރުމާއެކު ވައިގަދަވާނެކަމަށް ލަފާކުރައްވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާގެ މީޓިއޮރޮލޮޖިސްޓް އަޙްމަދު ޝާބިން ވިދާޅުވީ، ހޮނިހިރު އަދި އާދީއްތަ ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ވައި ގަދަވެ، ކަނޑު ގަދަވާނޭކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އަދި މޫސުން އަލިވާނެ ކަމަށް ލަފާކުރެވޭނީ އާދިއްތަ ދުވަހުން ފެށިގެންކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައަކީ، ރާއްޖެ ސަރަހައްދުގައި ބޯ ވިއްސާރަވިލާތަށް އުފެދިފައި ވަނީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އިތުރުން، ރާއްޖެއާ ދުރުން ދެކުނުގަވެސް ކޮޅިގަނޑެއް އުފެދުމުގެ ސަބަބުންކުރާ ވިއްސާރަކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

އެ އިދާރާއިން ވަނީ ވައި ގަދަވެ، ކަނޑު ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ހުދު ސަމާލުވެސް ނެރެފައެވެ. ދެކުނުގެ އަތޮޅުތަކަށް މި ސަމާލު މިއަދު ހެނދުނު 8:30 އިން މެންދުރުފަހު 14:30 ޖެހުމާ ހަމައަށް ނެރެފައިވާއިރު 22 އާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތަށް ގަދަވާނޭކަމަށް ވަނީ ލަފާކުރައްވާފައެވެ. އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިއްސާރަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް ވަނީ ލަފާކުރައްވާފައެވެ.

މިއީ ސްކޫލް ބަންދު ދުވަސްވަރަކށްވުމުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރޭ ސަމާލުތަކަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.