އިންޑިޔާ ކަނޑުގެ ތެރެއިން ބެހިގެންދިޔަ މަސް ދޯންޏެއްގައި ތިބި ރޮހިންޔާ ދަރިކޮޅުގެ 102 މީހުން ސްރީ ލަންކާގެ ކަނޑުގެ ސިފައިންގެ މަނަވަރަކުން ސަލާމަތް ކޮށްފިއެވެ. ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި 25 ކުޑަކުދިން ހިމެނޭއިރު، އެއީ މިޔަންމާގެ އަސްކަރިއްޔާއިން ދެމުންދާ ޙަމަލާތަކުން ސަލާމަތްވުމަށް، އަމިއްލަ ވަޒަން ދޫކޮށް ހިޖުރަކުރަން މަސައްކަތްކުރި ބަޔެއް ކަމަށް ބެލެވެއެވެ.
ބެހިގެންގޮސްފައިވާ އުޅަނދު ފެނިފައި ވަނީ ސްރީ ލަންކާގެ އައްސޭރިފަށާ ދުރު ނޫން ހިސާބަކުންނެވެ. އެ ޤައުމުގެ ކަނޑުގެ ސިފައިން ބުނީ، އެ އުޅަނދުގައި ތިބި މީހުން ސަލާމަތް ކޮށްގެން އެ ޤައުމުގެ އިރުމަތީ ބަނދަރުމަތީ ރަށް، ތިރުކޫނަމަލައިއަށް ގެންގޮސްފައިވާ ކަމުގައެވެ. "އެ މީހުންގެ ޞިއްޙީ ހާލަތު ދެނެގަތުމަށް ފަހު އެ ރަށަށް ފޭބުމުގެ ފުރުޞަތު ވާނީ ދީފައި،" ސްރީ ލަންކާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނު ބުންޏެވެ.
އެ އުޅަނދު ފެނިފައި ވަނީ ސްރީ ލަންކާގެ އުތުރުގައި އޮތް މުއްޅިވައިކާލްގެ އައްސޭރިފަށުންނެވެ. އޭގައި ތިބީ، މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ޤަތުލުޢާންމުން ސަލާމަތްވުމަށް އަމިއްލަ ވަޒަން ދޫކޮށް މެލޭޝިޔާ ނުވަތަ އިންޑޮނީޝިޔާއަށް ދަތުރު ކުރަން މަސައްކަތް ކުރި ބަޔެއް ކަމަށް ބެލެވެއެވެ. ނަމަވެސް، އެ މީހުންނާ މުއާޞަލާތު ކުރުމަށް ގޮންޖެހުންތަކެއް ކުރިމަވެފައިވާ ކަމަށާއި، އެއީ ކޮން ޤައުމަކަށް ދިޔުމަށް ދަތުރު ކުރަމުން ދިޔަ ބަޔެއް ކަން ސާފު ކުރެވިފައި ނުވާ ކަމުގައި ސްރީ ލަންކާގެ ކަނޑުގެ ސިފައިން ތަރުޖަމާނު ބުންޏެވެ.
ސްރީ ލަންކާއަކީ މިޔަންމާގެ އިރުދެކުނުން 1,750 ކިލޯމީޓަރު ދުރުގައި އޮތް ޤައުމަކަށްވާއިރު، މިއީ މިޔަންމާއިން ރެފިއުޖީންތަކެއް ސްރީ ލަންކާއަށް ދަތުރު ކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. 2022ވަނަ އަހަރުގެ ޑިސެންބަރު މަހު ވެސް ސްރީ ލަންކާގެ ކަނޑުގެ ސިފައިންގެ މަނަވަރަކުން ވަނީ، 100އެއްހާ ރެފިއުޖީން ތިބި އުޅަނދެއް ހޯދައި، އޭގައި ތިބި އެންމެން ސަލާމަތް ކޮށްފައެވެ.
މިޔަންމާ ދޫކޮށް ދަތުރު ކުރާ ރޮހިންޔާ ދަރިކޮޅު ގިނަ މީހުންނަކީ މެލޭޝިޔާ ނުވަތަ އިންޑޮނީޝިޔާއަށް ހިޖުރަ ކުރުމަށް މަސައްކަތް ކުރަމުންދާ ބަޔެއް ކަމުގައިވާއިރު، މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް، 100އެއްހާ ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންނާ އިންޑޮނީޝިޔާގެ އަޗޭ ޕުރޮވިންސަށް ދަތުރު ކޮށްފައިވެއެވެ. އެ ދަތުރު މަތީގައި އެ އުޅަނދުގައި ތިބި ހަ މީހުން މަރުވިއެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ޤަތުލުޢާންމުން ސަލާމަތްވުމަށް 2017ވަނަ އަހަރު އެތަކެއް ސަތޭކަ ހާސް ރޮހިންޔާ ދަރިކޮޅުގެ މީހުން ސަރަޙައްދީ ރޮނގު ހުރަސްކޮށް ބަންގްލަދޭޝަށް ދަތުރު ކުރިއެވެ. އެ ޤައުުމުގައި ޤާއިމު ކޮށްފައިވާ ރެފިއުޖީ ކޭމްޕުތަކުގައި ތިބި ރޮހިންޔާ ދަރިކޮޅުގެ މީހުންގެ އަދަދު މިހާރު މިލިޔަނަކަށް އުފުލިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.