ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނަށް ސާފު ބޯފެން ލިބޭނެ މަގުތައް ބަންދުކޮށް، އެ މީހުން ބޯފެނުން މަޙްރޫމު ކުރުވުމަކީ ނަސްލު ނައްތައިލުމަަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެއް ކަމުގައި ހިޔުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިޔު)ން ހާމަކޮށްފިއެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެއް ކަމުގައިވާ އެޗްއާރްޑަބްލިޔުން ބުނީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާގެ ތެރެއިން ސާފު ބޯފެނުން މަޙްރޫމު ކުރުވައިގެން އެތަކެއް ހާސް ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމުގައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023 އޮކްޓޫބަރު 7ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން އެ ދުވަހު ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް ދީފައިވާ ޖިހާދީ ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން ފެށި ޖަރީމާތަކެކެވެ. ޙަމާސްގެ މުޖާހިދުން ޔަހޫދީންނަށް ކުއްލި ޙަމަލާތަކެއް ދީފައި ވަނީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެންނެވެ.
އެ ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއްގެ ގެދޮރު ނެތިކޮށްލާފައެވެ. އެ މީހުންގެ ގެދޮރުގެ އިތުރުން ހަސްފަތާލުތަކާއި މަދަރުސާތަކާއި އެހެން ޢުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. އަދި، ކާބޯތަކެތިން މަޙްރޫމު ކުރުވުމަކީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅައި، އެތަކެއް ސަތޭކަ ހާސް ބަޔަކު ހައިހޫނުގައި ޖައްސާފައެވެ.
ޣައްޒާގެ ރައްޔިތުން ސާފު ބޯފެނުން މަޙްރޫމު ކުރުވުމަކީ އެ މީހުންގެ ނަސްލު ނައްތައިލުމަށް ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި އެޗްއާރްޑަބްލިޔުން ހާމަކޮށްފައި ވަނީ، ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީން ޖައްސަމުންދާ ނިކަމެތި ހާލަތާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައެވެ. "ޣައްޒާއިން ވީހާ ވެސް ގިނަ އަދަދެއްގެ މީހުން ޝަހީދު ކުރުމުގެ ގޮތުން އަމަލު ކުރަމުންދާ މި ސިޔާސަތަކީ އިންސާނީ ނަސްލެއް ނައްތައިލުމަށް ހިންގަމުންދާ ކުށެއް، އެ ކަން ދަނީ ހުއްޓުމެއް ނެތި ކުރިއަށް. މިއީ، 1948ވަނަ އަހަރުގެ ޖެނޮސައިޑް މުޢާހަދާއާ ޚިލާފަށް ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ޖަރީމާއެއް،" އެޗްއާރްޑަބްލިޔުގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
ޣައްޒާގެ މުސްލިމުން ސާފު ބޯފެނުން މަޙްރޫމު ކުރުވުމަކީ ނަސްލު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލެއް ކަމުގައި އެޗްއާރްޑަބްލިޔުން ހާމަކޮށްފައިވީ ނަމަވެސް، އެ ޖަމުޢިއްޔާއިން ބުނީ، އެ އަމަލު ހިންގަމުންދާ ޒަޔަނިސްޓު ސަރުކާރާއި ޔަހޫދީ ފައުޖުގެ އޮފިޝަލުންނާ ދެކޮޅަށް އެ ކަމުގެ ދަޢުވާ ސާބިތު ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައެވެ. ނަމަވެސް، ފަލަސްޠީނުގެ މުސްލިމުން ނައްތައިލާނެ ކަމުގެ އިންޒާރު ޔަހޫދީ ސަރުކާރުގެ ވެރިން ދީފައިވާ ކަމާއި، އެއީ ވެސް ނަސްލު ނައްތައިލުމަށް ހިންގާފައިވާ އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމުގައި އެޗްއާރްޑަބްލިޔުން ހާމަކުރިއެވެ.
"ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ މަގުތައް ބަންދުކޮށް، އެ މީހުން ޝަހީދު ކުރަން އިސްރާއީލުގެ ސަރުކާރުގެ އޮފިޝަލުން މަސައްކަތް ކުރަމުންދާ ކަން އަޅުގަނޑުމެންނަށް ވަނީ ހާމަވެފައި،" އެޗްއާރްޑަބްލިޔުން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރ ލަމާ ފަޤީހް ވިދާޅުވިއެވެ.
މިއީ، ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތައިލަން ޔަހޫދީން ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ކަން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ބައިނަލްއަޤުވާމީ ޖަމުޢިއްޔާއަކުން ހާމަކޮށްފައިވާ ދެވަނަ ފަހަރެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތުކޮށް، އެ ޙައްޤުތައް ޙިމާޔަތް ކުރަން މަސައްކަތް ކުރާ އެމްނެސްޓީ އިންޓަރނޭޝަނަލުން ވެސް ދާދި ފަހުން ވަނީ ޣައްޒާގެ މުސްލިމުންގެ ނަސްލު ހޭދު ކުރަން ޔަހޫދީން މަސައްކަތް ކުރަމުންދާ ކަން ހާމަކޮށްފައެވެ. އަދި، ޣައްޒާ ޢުދުވާނަކީ ނަސްލު ނައްތައިލުމަށް ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.
އެޗްއާރްޑަބްލިޔުގެ އިތުރުން އެމްނެސްޓީން މި މޭރުމުން ހާމަކޮށްފައި މި ވަނީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ މޭސްތިރިން ހައްޔަރު ކުރުމަށް ބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އައިސީސީ)ން އަމުރު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ކުރީގެ ދިފާޢީ ވަޒީރު ޔޮއާވް ގަލާންތާ ދެކޮޅަށެވެ.
އެޗްއާރްޑަބްލިޔުން ބުނީ، ޣައްޒާގެ 2.3 މީހުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ބޭނުން ކުރާ ހޮޅިތައް ޔަހޫދީ ފައުޖުން ބަންދު ކޮށްފައިވާ ކަމުގައެވެ. އަދި، އެ ސަހަރަށް ފޯރުކޮށްދެމުން ދިޔަ ކަރަންޓުގެ ޚިދުމަތަށް ހުރަސް އަޅާފައިވާ ކަމުގައެވެ. ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނުގެ އިތުރުން، ޖަނަރޭޓަރުތައް ހިންގަން ބޭނުންވާނެ ތެޔޮ ޣައްޒާއަށް އެތެރެ ކުރުމަށް ވެސް ޔަހޫދީން އޮތީ ހުރަސް އަޅާފައެވެ. މިއާ އެކު، ޣައްޒާގައި ސާފު ބޯފެން އުފެއްދުމަށް ކުރަމުން ދިޔަ މަސައްކަތްތަކަށް ވެސް ވަނީ ހުރަސް އެޅިފައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,129އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 107,338 މީހުން ޒަޚަމު ކޮށްލާފައެވެ.