ފަލަސްޠީނުގެ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އަޅަމުންދާ މައްސަލަ އދގެ އެންމެ މަތީ ކޯޓު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހެޅުމަށް އދގެ ޢާންމު މަޖިލީހުން ފާސްކޮށްފިއެވެ. ޣައްޒާގެ މުސްލިމުން ނިކަމެތިކޮށް ހާލުގައި ޖައްސާފައި ވަނީ މީގެ 14 މަސް ކުރިން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގެ ދަށުންނެވެ.
އެ ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއްގެ ގެދޮރު ނެތިކޮށްލާފައެވެ. އެ މީހުންގެ ގެދޮރުގެ އިތުރުން ހަސްފަތާލުތަކާއި މަދަރުސާތަކާއި އެހެން ޢުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. އަދި، ކާބޯތަކެތިން މަހުރޫމު ކުރުވުމަކީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅައި، އެތަކެއް ސަތޭކަ ހާސް ބަޔަކު ހައިހޫނުގައި ޖައްސާފައެވެ.
މި މައްސަލަ ދުނިޔޭގެ ކޯޓުގެ ގޮތުގައި ބެލެވޭ އައިސީޖޭއަށް ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް އދގެ ޢާންމު މަޖިލީހަށް ޤަރާރެއް ހުށަހަޅާފައި ވަނީ ނޯވޭންނެވެ. އދގެ ޢާންމު މަޖިލީހުގައި މި ޤަރާރަށް ވޯޓަށް އެހުމުން، ޤަރާރު ފާސްކޮށްފައި ވަނީ 137 މެންބަރުންގެ ތާޢީދާ އެކުގައެވެ. ޤަރާރާ ދެކޮޅަށް ވޯޓުދީފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއާއި އިތުރު 10 ޤައުމަކުންނެވެ. އަދި، ވޯޓުގައި 23 ޤައުމަކުން ބައިވެރިވެފައެއް ނުވެއެވެ.
ނޯވޭން ޔަހޫދީންނާ ދެކޮޅަށް އދގެ ޢާންމު މަޖިލީހަށް ޤަރާރެއް ހުށަހަޅާފައި ވަނީ، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އދގެ އިދާރާ (އުންރްވާ)އަށް ހުރަސް އެޅުމަށް ޔަހޫދީން މަސައްކަތް ކުރުމުންނެވެ. ޒަޔަނިސްޓު އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ޤަރާރެއްގެ ދަށުން، އިސްރާއީލުގެ އެއްވެސް ސަރަޙައްދެއްގައި އުންރްވާން ހަރަކާތްތެރިވުން އޮތީ މަނާކޮށްފައެވެ.
އޭގެ ތެރޭގައި ޔަހޫދީން ވެރިވެގަނެގެން އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންދާ ފަލަސްޠީނުގެ ބިންތައް ވެސް ހިމެނެއެވެ. ނަމަވެސް، ހުޅަނގު އައްސޭރިއާއި ޣައްޒާގައި މަސައްކަތް ކުރުމުގެ ވަރަށް ހަނި ފުރުޞަތެއް އެ އިދާރާއަށް އޮތީ ދީފައެވެ. ޣައްޒާގެ ނިކަމެތީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ބައިނަލްއަޤުވާމީ އެހެން ޖަމުޢިއްޔާތަކަށް ވެސް ޔަހޫދީން ދަނީ ހުރަސްތައް ކުރިމަތި ކުރަމުންނެވެ.
އދގެ ޢާންމު މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުގައި، ޣައްޒާގެ މުސްލިމުންނަށް ޔަހޫދީން ޖައްސަމުންދާ ބިކަ ހާލު ބަޔާންކޮށްދީ، އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އދއާއި އެހީދޭ ޤައުމުތަކާއި ޖަމުޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުން ހުއްޓައިލުމަށް ގޮވައިލާފައިވެއެވެ. މި މައްސަލަ އައިސީޖޭއަށް ހުށަހެޅުމަށް ފާސްކޮށްފައިވީ ނަމަވެސް، މި ކަމާ މެދު އެ ކޯޓުން ނެރޭނީ ލަފައެކެވެ. އައިސީޖޭއަކީ، ޙުކުމްތައް ތަންފީޒު ކުރުމުގެ ބާރު ލިބިދީފައިވާ ކޯޓެއް ނޫނެވެ.
އދން ޤަބޫލު ކުރާ ގޮތުގައި ފަލަސްޠީނުގެ ބިންތަކަކީ ޔަހޫދީން ވެރިވެގަނެ، އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންދާ ބިންތަކެކެވެ. އިންސާނިއްޔަތުކަމާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން، އެ ފަދަ ބިންތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އިސްތިޢުމާރީ ބާރުގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި، ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ސާމާނާއި، ސާފުތާހިރުވުމަށް ބޭނުން ކުރާ ސާމާނުގެ އިތުރުން ޞިއްޙީ ފަރުވާއަށް ހުރަސް އެޅުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލެކެވެ. ނަމަވެސް، އެމެރިކާގެ އެހީތެރިކަމާއި ބައިވެރިވުމާ އެކު ޔަހޫދީން ދަނީ އެ ޤާނޫނު މުގުރަމުންނެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,129އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 107,338 މީހުން ޒަޚަމު ކޮށްލާފައެވެ.