ޒަކާތަކީ އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. ތަނަވަސްކަން ލިބިގެންވާ ކޮންމެ މީހަކު ޒަކާތް ނެރުން ވާޖިބުވެއެވެ. ޒަކާތް ދެއްކުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ނިކަމެތިންގެ ޙާލަތު އިޙްސާސްވެ، މުދާ ތާހިރުކުރެއްވުމެވެ. ޒަކާތުގެ ގޮތުގައި ނެރެންޖެހެނީ ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނަޑައަޅާ ޢަދަދަކުންނެވެ.
ރަމްޟާން މަހު އަޅުގަނޑުމެން ދައްކާ ފިތުރު ޒަކާތަކީ ރަމްޟާން މަހުގެ ރޯދައާއި ގުޅިގެން ކުރުމަށް އަންގަވާފައިވާ އަޅުކަމެކެވެ. ފިތުރު ޒަކާތުގެ ގޮތުގައި ނެރެންޖެހެނީ އެބަޔަކު އަހަރުގެތެރޭގައި އާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކަށް ބަލައިގެންނެވެ. އަދި ފިތުރު ޒަކާތަކީ ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް ފިތުރު ޢީދުގެ ކުރިން ބަހަން ޖެހޭ އެއްޗެކެވެ. ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. މިއަހަރުގެ ފިތުރު ޒަކާތް ރަމްޟާން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އަނެއްކޮޅުން މުދަލު ޒަކާތަކީ، ނިޞާބުގެ ހަމަވުމުގެ ސަބަބުން އެ ޒަކާތް ދެއްކުން ވާޖިބު ކޮންމެ މީހެއްގެ މުދަލުން ދައްކަންޖެހޭ އެއްޗެކެވެ. މުދަލު ޒަކާތުގެ މިހާރުގެ ނިޞާބަކީ 4،212.60 ރުފިޔާ އެވެ. މުދަލު ޒަކާތް ނެރުން ވާޖިބުވާނީ މުދަލުގެ ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވެ، އެއަށް ހިޖުރީ އަހަރުން އެއް އަހަރު ފުރުމުންނެވެ. އެހެންކަމުން މީހެއްގެ އަތުގައި ހުރި މުދަލުގެ ނިޞާބު ހަމަވެ، ނިޞާބަށްވުރެ މަދުނުވެ އެއްއަހަރުވެއްޖެނަމަ، އެމުދަލުގެ ސާޅީސްބައިކުޅަ އެއްބައި، ޒަކާތަށް ނެރުން ވާޖިބުވެއެވެ.
މުދަލު ޒަކާތުގެ ނިސާބަކީ ދުނިޔޭގެ ބާޒާރުގައި ތެލަށް އަންނަ ބަދަލާއި ގުޅިގެން ރަނާއި ރިހީގެ އަގަށް ބަދަލު އައުމުން އެބަދަލުގެ ތެރެއިން ބަދަލުވާ އެއްޗެކެވެ. ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބު އެމްއެމްއޭ މެދުވެރިކޮށް ބަލައި، ޒަކާތުގެ ނިސާބަށް އަންނަ ބަދަލުތައް އިސްލާމިކް މިނިސްޓްރީން އަންނަނީ އިޢުލާން ކުރަމުންނެވެ. މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަހާނީ ޒަކާތާއި ބެހޭ ކޮމެޓީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. މިގޮތުން އެކި ބައިތަކަކަށް ބަހާލައިގެން މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާތައް ބަހާލެވޭނެއެވެ.
ނަމާދު ފަދައިން ޒަކާތަކީވެސް އިސްލާމްދީނުގެ ރުކުނެއް ކަމުގައި ވުމުން ނަމާދު އަދާކުރާނެގޮތުގެ ޙުކުމްތައް ދަސްކުރާ ފަދައިން ޒަކާތުގެ ޙުކުމްތައްވެސް ދަސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ޒަކާތް ވާޖިބުވުމުގެ ޝަރުތު ހަމަވެފައިވާ ކޮންމެ މީހަކު ޒަކާތް ނެރުމަށް އަވަސް ވެގަންނަން ޖެހެއެވެ.