ޚަބަރު

ޕަޗޫކާ ބަލިކޮށް ރެއާލް މެޑްރިޑުން ޗެމްޕިއަންކަން ހޯދައިފި


ފީފާ އިންޓަރކޮންޓިނެންޓަލް ކަޕުގެ ޗެމްޕިއަންކަން ސްޕެއިންގެ ރެއާލް މެޑްރިޑުން ހޯދައިފިއެވެ. އެ ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ރޭ ކުޅުނު ފައިނަލް މެޗުގައި މެކްސިކޯގެ ޕަޗޫކާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ދޯހާގެ ލުސެއިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 37 ވަނަ މިނިޓުގައި ވިނިޝިއަސް ޖޫނިއަރ ދިން ބޯޅަ އަކުން ފޯވަޑް ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް ކުރި ހޯދަދީފަ އެވެ.

އަދި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ރޮޑްރިގޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އިއްޔެ ހޯދި ވިނިޝިއަސް ޖޫނިއަރ ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.

ފީފާ އިންޓަރކޮންޓިނެންޓަލް މުބާރާތަކީ ދުނިޔޭގެ ފަސް ބައްރުގެ ޗެމްޕިއަން ޓީމުގެ މެދުގައި ނޮކްއައުޓް އުސޫލުން ކުޅެވޭ މުބާރާތެކެވެ.

ދެކުނު އެމެރިކާ ބައްރުގެ ޗެމްޕިއަން ޕަޗޫކާ މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވަނީ އެފްރިކާގެ ޗެމްޕިއަން މިސްރުގެ އަލް އަހްލީ ބަލި ކުރުމަށްފަހުގަ އެވެ.