ޚަބަރު

މޮނާކޯ އަތުން ޕީއެސްޖީ މޮޅުވިއިރު، ޑޮންނަރޫމާއަށް ސީރިއަސް އަނިޔާއެއް


ފްރެންޗްގެ ލީގުގައި ރޭ ވާދަވެރި މޮނާކޯ އަތުން 4-2 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވިއިރު، އެ ޓީމުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރޫމާއަށް ސީރިއަސް އަނިޔާއެއް ލިބިއްޖެއެވެ.

މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވުމާއެކު އެ ޓީމަށް ވަނީ ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. އެ ޓީމަށް 16 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް މާސޭ އަށް 15 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް މޮނާކޯ އަށް 16 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ.

މި މެޗުގައި ޕީއެސްޖީގެ ގޯލު ކީޕަރު ޑޮންނަރޫމާގެ މޫނަށް މޮނާކޯގެ ޑިފެންޑަރ ވިލްފްރެޑް ސިންގޯގެ ބޫޓުން އަރާ ފަޅައިގެން ދިޔަ ތަން ބެއްދުމަށްޓަކައި 10 ސްޓޭޕަލްސް ޖަހާފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ. އަދި އޭނާއަށް ލިބުނު މި އަނިޔާގެ ސަބަބުން މެޗުގެ 22 ވަނަ މިނިޓުގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

ޕީއެސްޖީގެ ޑިސަޔާ ޑިއޯ ވަނީ މެޗުގެ 24 ވަނަ މިނިޓުގައި ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 8 ވަނަ މިނިޓުގައި މޮނާކޯގެ ބެން ސެގީރް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މެޗުގެ 60 ވަނަ މިނިޓުގައި އެމްބޯލޯ ވަނީ އިތުރު ލަނޑެއް ޖަހާ މޮނާކޯ އަށް ފުރަތަމަ ފަހަރަށް މި މެޗުގައި ކުރި ހޯދަދީފަ އެވެ.

މި މެޗުގައި ޕީއެސްޖީ އިން ނަތީޖާ އެއްވަރު ކޮށްފައިވަނީ މެޗުގެ 64 ވަނަ މިނިޓޫގައި އޮސްމާން ޑެމްބެލޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި މެޗުގެ 83 ވަނަ މިނިޓުގައި ގޮންޒާލޯ ރާމޯސް ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް މި މެޗުގައި ޕީއެސްޖީ އަށް ކުރި ހޯދަދީފަ އެވެ. މި މެޗުގައި ޕީއެސްޖީ އިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑެމްބެލޭ އެވެ.