އަތޮޅުތައް

ގއ. ވިލިނގިލީގެ ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް


ވިލިނގިލި ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން ބައްހަޓަށް ޖެހޭ ފޯމަރުތައް ބަހައްޓާ ކަރަންޓް ވިއުގައާއި ގުޅާލުމުގެ މަސައްކަތް ފަށައިފިއެވެ.

ފަހަކަށް އައިސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި، ވިލިނގިލިގެ އާބާދީ އިތުރުވެގެންދިއުމުގެ ސަބަބުން ކަރަންޓް ބޭނުންކުރާ މިންވަރު މިވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. އަދި މިކަމުގެ ސަބަބުން ކަރަންޓް އެންމެ އެކަށީގެންވާ މިންވަރަށް ފޯރުކޮށްނުދެވި ބައެއް މަައްސަލަތައް ދިމާވަމުން ގޮސްފައިވެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ވިލިނގިލިގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ފޯމަރުތައް މިހާރުވަނީ ބައްހައްޓާ ނިމިފައެވެ. އަދި މި ފޯމަރުތަކަށް ގުޅަންޖެހޭ މައި ކޭބަލް ވަޅުލާ ކަރަންޓް ވިއުގައާއި ގުޅާލުމުގެ މަސައްކަތް ދަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންނެވެ. މި ޕްރޮޖެކްޓްގެ ތެރެއިން ވިލިނގިލި އިރުމަތި ފަރާތުން ހިއްކާފައިވާ ސަރަޙައްދަށްވެސް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށް ވިލިނގިލި ކައުންސިލްގެ ރައީސް ނިޔާޒު ނިޒާރު ވިދާޅުވިއެވެ.

ހަތަރު ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ގއ. ވިލިނގިލިގައި ކަރަންޓް ފޯރުކޮށްދިނުމަށް މިހާރު ބޭނުންކުރަމުންދަނީ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި، 400 ކިލޯ ވޮޓްގެ ޖަނަރޭޓަރެއްގެ އިތުރުން 360 ކިލޯ ވޮޓްގެ ޖަނަރޭޓަރުތަކެކެވެ.