ޚަބަރު

55 ކައުންސިލް އިމާރާތްކުރުން އޮތީ އެއްބަސްވުމުގެ މަރުހަލާގައި: އިދާރީ ދާއިރާތަކާބެހޭ ވަޒީރު


  • ޕީއެސްއައިޕީގެ އިތުރުން ޗައިނާގެ އެހީގައި 50 ކައުންސިލް ޢިމާރާތް އަޅާނެ

އެންމެ ހާލަތު ދަށްކޮށް ހުރި ކައުންސިލް އިމާރާތްތައް އަލުން އިމާރާތްކުރުމަށް ފަށާ މަޝްރޫޢު މިހާރު އޮތީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަރުހަލާގައިކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގަ ދަތި ކައުންސިލް އިމާރާތްތަކުގެ މައްސަލަ ޙައްލުކުރުމަށް، ދައުލަތުގެ ބަޖެޓުން 55 ކައުންސިލް ޢިމާރާތް އެޅުމަށް ވަނީ ނިންމަވާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މީގެކުރިން ކައުންސިލްތަކުގެ ޢިމާރާތްތަކުގެ ހާލަތު ރަނގަޅުކުރުމަށް މާބޮޑަށް އަޅާލެވިފައިނުވާކަމަށެވެ. ވަރަށް ގިނަ ރަށްރަށުގެ ކައުންސިލް ޢިމާރާތް ހުރީ ވަރަށް ދަށް ޙާލަތުގައިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެއްވެސް ވަރަކަށް އާބާތުރަ ފިލުވުމުގެ މަސައްކަތް ނުހިނގާ އެތައް އަހަރެއްވީ ޢިމާރާތްތައްވެސް އެބަހުރިކަމަށެވެ. އެގޮތުން 187 އައު ކައުންސިލް ޢިމާރާތް އަޅަން ޖެހިފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެކަމަށް ޙައްލެއް ގެނައުމަށް ކުރައްވާ މަސައްކަތުގެ ދަށުން ޕީއެސްއައިޕީން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ކައުންސިލެއްގެ އިމާރާތް އެޅުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި އިކޮނޮމިކް ކައުންސިލުން ފާސްކޮށްފައިވާކަމަށެވެ. އަދި އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހަވާލުކުރުމަށް ނިންމާފައިވަނީ މެލޭޝިޔާގެ ކުންފުންޏަކަށްކަމަށާއި، ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިހާރު 55 ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫއު އިކޮނޮމިކް ކައުންސިލުންވެސް މިވަނީ އެއްކޮށް ފާސް ކޮށްދެއްވާފައި މީގެ ދެ ދުވަސް ކުރީން. މިހާރު މި އޮތީ އެޓާނީ ޖެނެރަލްގެ އޮފީހަށް އެގްރިމެންޓް ފޮނުވިފައި." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލްތަކުގެ އުމްރާނީ ހާލަތު ހުރީ ވަރަށް ދައްކޮށްކަމަށާއި ބައެއް ކައުންސިލްތަކުގެ އިމާރާތްތައް ހުރީ ބޮލަށް ވެއްޓޭ ހާލުގައިކަމަށެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ކައުންސިލެއް އިމާރާތް ކުރުމަށް ނިންމާފައިވާއިރު، ޗައިނާ ސަރުކާރުގެ އެހީއާއެކު 50 ކައުންސިލެއްވެސް ތަރައްޤީކުރުމަށް ވަނީ ނިންމަވާފައެވެ. ވަޒީރު ވިދާޅުވީ މިއިމާރާތްތައް ވާނީ ވަރަށް ޖާގަ ތަނަވަސް އަދި ކައުންސިލްތަކުގެ ހިންގުމުގެ މަސައްކަތަށް ބޭނުންވާ ލުއިފަސޭހަތައް ލިބޭގޮތަށް ފަރުމާކުރާ ތަންތަނަށްކަމަށެވެ.

ސަރުކާރުގެ ޢަމާޒަކީ ޙާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިމާރާތް މިދައުރުގެ ތެރޭގައި އިމާރާތްކޮށްދިނުމެވެ.