ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއެކު ސަބްސިޑީއާއި އާސަންދައަށް ކުރާ ހޭދަ ކުޑަވެފައިވާކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅުއްވަން ފެއްޓެވީ، ކުރީގެ ސަރުކާރުތަކުން ގެންގުޅުއްވި ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި ބޮޑުވެ، އިޤްތިޞާދަށް އެކަމުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުންނެވެ.
ހަރުދަނާ އުސޫލެއް ނެތި ދައުލަތުގެ ބަޖެޓުން އާސަންދަ އާއި ސަބްސިޑީއަށް ޚަރަދުކުރަމުންދިއުމުގެ ސަބަބުން ދައުލަތުގެ ޚަރަދު އިތުރުވެ، ދައުލަތުގެ ދަރަނިވެސް ދިޔައީ ބޮޑުވަމުންނެވެ. އެކަމާއި ގުޅިގެން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވަނީ ސަބްސިޑީގެ ނިޒާމު ހަރުދަނާކުރުމަށް ތަކުރާރުކޮށް މީގެކުރީ ސަރުކާރުތަކަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވުމާއި ހަމައަށްވެސް މާލީ އިދާރާތަކުން ދެއްވި ؛ލަފަޔާ އެއްގޮތަށް ޚަރަދުތައް ކުޑަކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފެނިގެން ދިޔައީ އިންތިހާއަށް ޚަރަދުތައް އިތުރުކޮށް، އެ ޙަރަދުތައް ފޫބެއްދުމަށް ފައިސާ ޗާޕުކުރަމުންނެވެ. އެކަމުގެ ސަބަބުން ބޭރުފައިސާއަށް އޮންނަ ޑިމާންޑު އިތުރުވެ، ތަކެތީގެ އަގުވެސް ދިޔައީ ދުވަހެއް ދުވަހަކަށް އުފުލެމުންނެވެ.
ރާއްޖޭގެ އިޤްތިޞާދު ނުރައްކަލަށް ހުށަހެޅިފައި އޮތްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ، ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުމުގެ ވަޢުދާއެކުއެވެ. އަދި ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްްފަހު ފުރަތަމަ ދުވަހުން ފެށިގެން އެމަނިކުފާނު ގެންދެވީ ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުމުގެ ސިޔާސަތުތައް އެކަށައަޅައި، ތަންފީޒުކުރައްވަމުންނެވެ.
މިގޮތުން ދައުލަތުން އެންމެ ބޮޑަށް ޚަރަދު ކުޑަކުރެވިފައިވާ އެއްބަޔަކީ ސަބްސިޑީތަކަށް ކުރާ ޚަރަދެވެ. ދައުލަތުގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުން އަހަރަށް ސަބްސިޑީތަކަށް ކުރަމުންދިޔަ ހޭދަ މީގެ ކުރިން އިތުރުވިނަމަވެސް، މިހާރު ހޭދަތައް ވަނީ ކުޑަވާން ފަށާފައެވެ. ނިމިދިޔަ ސަރުކާރުގައި ސަބްސިޑީއަށް ކުރަމުންދިޔަ ހޭދައަށް ބަލާއިރު، 2022 ވަނަ އަހަރާއި އަޅާބަލާއިރު 2023 ވަނަ އަހަރު ވަނީ ސަބްސިޑީއަށް ކުރި ހޭދަ %4.4 އިތުރުވެފައެވެ.
ނަމަވެސް މި ސަރުކާރުގައި މި ޙަރަދުތައް ވަނީ ކުޑަވާން ފަށާފައެވެ. މާލީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް، ސަބްސިޑީއަށް ހޭދަކުރީ 3.62 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މުއްދަތާއި ހަމައަށް ސަބްސިޑީއަށް ހޭދަކުރި 3.75 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 3.6 އިންސައްތައިގެ މަދުވުމެކެވެ.
ސަބްސިޑީތަކުގެ އިތުރުން އާސަންދައަށް ކުރާ ހޭދަވެސް ވަނީ ކުޑަވެފައެެވެ. އެގޮތުން 2023 ވަނަ އަހާރާއި އަޅާބަލާއިރު މިމުއްދަތުގައި އާސަންދައަށް ކުރި ހޭދަ ވަނީ %0.3 ކުޑަކުރެވިފައެވެ.
މިޚަރަދުތައް ކުޑަވުމުގެ މައިގަނޑު ސަބަބަކީ ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް އެޅުއްވި ފިޔަވަޅުތަކާއި އާސަންދައިގެ ތެރެއިން ކުރެވޭ އިސްރާފު ކުޑަކުރުމަށް އެޅުއްވި ފިޔަވަޅުތައް ހިމެނެއެވެ.
ސަރުކާރުން ޚަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރުވެސް އަޅާފައިވާއިރު، ސަބްސިޑީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހިމަނާފައެވެ. އެގޮތުން މިހާރު އާންމުކޮށް އެންމެނަށް ދެވޭ ސަބްސިޑީ އުވާލާއި، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސީދާ ސަބްސިޑީ ދެވޭނެ ނިޒާމަކަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ. މާލީ ވަޒީރު މޫސާ ޒަމީރު ވަނީ ނިޒާމަށް އަންނަ ބަދަލުތައް މަރުހަލާތަކަށް ބަހާލައިގެން ތަންފީޒު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ބުރައެއް އުފުލަން ނުޖެހޭގޮތަށް މިކަންކަން ތަންފީޒުކުރައްވާނެ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.