ދުނިޔެ

ޔޫކްރެއިނުން މޮސްކޯގައި ބޮމެއް ގޮއްވާލައި ރަޝިޔާގެ އިސް ޖެނެރަލަކު މަރައިލައިފި


ޔޫކްރެއިނުގެ ސިފައިންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ކަމަށް ޔޫކްރެއިނުން ތުޙްމަތުކުރާ ރަޝިޔާގެ އިސް ޖެނެރަލެއް ޔޫކްރެއިންގެ ޖާސޫސީ އިދާރާއިން ރާވައިގެން ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޮމެއް ގޮއްވާލައި މަރާލައިފިއެވެ.

ރަޝިޔާގެ ނިޔުކްލިއަރ، ބަޔޮލޮޖިކަލް އަދި ކެމިކަލް ޕްރޮޓެކްޝަން ސިފައިންގެ އިސްވެރިޔާގެ މަޤާމުގައި ހުރި ލެފްޓިނެންޓް ޖެނެރަލް އީގޯ ކިރިލޯވާއި އޭނާގެ އަރިސް ބޭފުޅަކާ އެކު އެޕާޓްމަންޓް އިމާރާތެއްގެ ބޭރުގައި މަރާލާފައިވަނީ ބެޓެރި ސައިކަލެއްގެ ތެރޭގައި ފޮރުވާފައި އޮތް ބޮމެއް ގޮއްވާލައިގެން ކަމަށް ރަޝިޔާގެ ކަމާގުޅޭ ކޮމިޓީން ވަނީ ބުނެފައެވެ.

މި ޙަމަލާ ރާވާފައި ވަނީ، ޔޫކްރެއިނުގެ ޖާސޫސީ އިދާރާ، އެސްބީޔޫން ކަމަށް އެ އިދާރާގެ އިސްވެރިއެއް ވަނީ ކަށަވަރުކޮށް ދީފައެވެ.

މިއީ ރަޝިޔާގެ ފަސްގަނޑުގައި، ޔޫކްރެއިން ފަހަތުގައި އޮވެގެން ރަޝިޔާގެ އަސްކަރިއްޔާގެ އިސްވެރިއެއް މަރައިލި ފުރަތަމަ ފަހަރެވެ.

މި ޙަމަލާއާ ގުޅިގެން، ރަޝިޔާގެ އަސްކަރިއްޔާގެ އިސްވެރިންގެ ސަލާމަތީ ކަންކަން ބަދަލުކޮށް، އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބެލެވެއެވެ.

އަދި މި ޙަމަލާގެ ބަދަލު ރަޝިޔާއިން ހިފާނެ ކަމަށް ވެސް ސަރުކާރުގެ ބައެއް ވެރިން މިހާރު ވެސް ދަނީ ބުނަމުންނެވެ.

ހަނގުރާމައިގެ ތެރެއިން ކެމިކަލް ހަތިޔާރު ބޭނުންކުރާ ކަމުގެ ތުޙްމަތު ރަޝިޔާއިން އެކި ފަހަރު މަތިން ވަނީ ދޮގުކޮށްފައެވެ.

ނަމަވެސް، ކެމިކަލް ހަތިޔާރު ބޭނުންކުރާ ކަމަށް ތުޙްމަތުކޮށް، ކިރިލޯވާ އެކު ރަޝިޔާގެ ނިޔުކްލިއަރ، ބަޔޮލޮޖިކަލް އަދި ކެމިކަލް ޕްރޮޓެކްޝަންގެ ބައެއް އެހެން ވެރިންނަށް އިނގިރޭސިވިލާތުން މިދިޔަ އޮކްޓޯބަރު މަހު ވަނީ ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅައިފައެވެ.

ރަޝިޔާގެ އަސްކަރީ އަދި ސަރުކާރުގެ އިސްވެރިން އަވަހާރަކޮށްލަން ރަޝިޔާގެ ފަސްގަނޑުގައި ޔޫކްރެއިނުން ޙަރަކާތްތަކެއް ހިންގާ ކަމަށް ރަޝިޔާއިން އަބަދުވެސް ތުޙްމަތުކުރެއެވެ.

މި ގޮތުން، 2022 ވަނަ އަހަރު ކާރު ބޮމުގެ ޙަމަލާއެއްގައި ރަޝިޔާގެ ހަރުކަށި ޤައުމިއްޔަތު ފިކުރުގެ އެލެގްޒެންޑަރ ޑޫގިންގެ އަންހެން ދަރި ދާރިޔާ ޑޫގިނާ މަރާލުމާއި، 2023 ވަނަ އަހަރު ކެފޭއެއްގައި ބޮމެއް ގޮއްވާލައި ޔޫކްރެއިން ހަނގުރާމައަށް ތާޢީދުކުރާ ބްލޮގަރު ވްލަޑްލެން ޓަޓާސްކީ މަރާލުމާއި، މިދިޔަ އަހަރު ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމަށް ޔޫކްރެއިނުން ތުޙްމަތުކުރާ ރަޝިޔާގެ ސަބްމެރިން ކޮމާންޑަރެއް މަރާލުމުގެ ފަހަތުގައި އޮތީ ޔޫކްރެއިން ކަމަށް ރަޝިޔާ އިން ޤަބޫލުކުރެއެވެ.