ޚަބަރު

މާލޭގެ ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށައިފި


  • މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ

  • ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރޭ

މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ، ފެން ހިންދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ފަށައިފިއެވެ.

ރެއިން ފެށިގެން މާލެއަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. އެކި ވަގުތުތަކުގައި ބޯކޮށް ވާރޭވެހެމުންދާއިރު މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މިގޮތަށް ވާރޭވެހި ފެންބޮޑުވާ ކޮންމެ ފަހަރަކު ފެން ހިންދުމުގެ މަސައްކަތް ކުރަނީ އެމްއެންޑީއެފުންނެވެ

މިގޮތުން ފެންބޮޑުވެފައިވާ މަގުތަކުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ދަނީ ޕަންޕު ބަހައްޓައިގެން ފެންގަނޑު މާލެއިން ބޭރުކުރުމުގެ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ގެންދަވަނީ ސަމާލުތައް ނެރެމުންނެވެ. އެހެންކަމުން މި ދުވަސްވަރު ހުރިހާ ފަރާތްތަކުންވެސް، ޚާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މި ސަމާލުތަކަށް ބަލައިގެން ދަތުރުކުރުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށްވާތީ މިދުވަސްވަރު ކޮޅިގަނޑުތައް އުފެދުމުގެ ފުރުޞަތު އޮންނާނެއެވެ. އެގޮތުން، ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރިފަށާ ދިމާއަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއާ ދުރުން ދެކުނުގައިވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

މި ދެކޮޅިގަނޑުގެ ސަބަބުން ބުދަ ދުވަހުން ފެށިގެން ފަސް ދުވަހަށް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ. އެގޮތުން، ފެންބޮޑުވުމުގެ ސަބަބުން ގެއަށް ފެންވަދެދާނެތީ ވެލި ބަސްތާ ޖެހުމާއި ފެނުގެ އަސަރު ކުރުމުން ގެއްލުންވެދާނެ ތަކެތި ފެނުގެ އަސަރު ނުކުރާނެ ތަނަކަށް ބަދަލުކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވައެވެ.