ޚަބަރު

ޖީ.ޑީ.ޕީ.ޕީގެ އިންފޮމޭޝަން މެނޭޖުމަންޓް ސިސްޓަމްގެ ޚިދުމަތް ނައިބު ރައީސް ފަށްޓަވައިދެއްވައިފި


  • ޗައިނާ-އިންޑިއަން އޯޝަން ރީޖަން ސެންޓަރ ފޯ މެރިޓައިމް ކޯޕަރޭޝަން އެންޑް ޓްރެއިނިންގ އިފްތިތާޙުކޮށްދެއްވި

ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ޕޫލް (ޖީ.ޑީ.ޕީ.ޕީ)ގެ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފު ފަށްޓަވައިދެއްވައިފިއެވެ. ޖީ.ޑީ.ޕީ.ޕީގެ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމަކީ ޤައުމުތައް ގުޅިގެން ތަރައްޤީގެ މަޝްރޫޢުތައް ޕްލޭންކޮށް، އެ މަޝްރޫޢުތަކުގެ މަޢުލޫމާތު ބަލަހައްޓާ ޚާއްޞަ ނިޒާމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ޚިދުމަތް ފައްޓަވައިދެއްވީ ޗައިނާގެ ކުންމިންގައި ކުރިއަށްދިޔަ ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތިންވަނަ ބައްދަލުވުން ނިންމުމުގެ ރަސްމިޔާތުގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ޖީ.ޑީ.ޕީ.ޕީގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ފައްޓަވައިދެއްވައި، ޗައިނާ-އިންޑިއަން އޯޝަން ރީޖަން ސެންޓަރ ފޯ މެރިޓައިމް ކޯޕަރޭޝަން އެންޑް ޓްރެއިނިންގ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ.

މި ހަރަކާތުގައި، ބާބޭޑޮސްގެ ސެނެޓުގެ ރައީސް ރެޖިނަލްޑް ފާލީ އާއި ސިޑްކާގެ ޗެއާމަން ލުއޯ ޖާއޮހުއެއި އާއި އައި.އޯ.ސޯ-އެފްރިކާގެ ޗެއާމަން ކުއޮއާޑިއޯ އަފިއާން އަދި ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސްގެ މިނިސްޓަރުގެ ނައިބު، ސުން ޝޫޝިއާން، ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތިންވަނަ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ނޭޝަނަލް ކޮމިޓީ އޮފް ދަ ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރަންސް (ސީ.ޕީ.ޕީ.ސީ.ސީ)ގެ ޗެއާމަންގެ ނައިބު، ވާންގް ޔޮންގް ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.