ޚަބަރު

ޗައިނާއާ ގުޅިގެން އެކި ދާއިރާތައް ކުރިއެރުވުމަށް މަޝްވަރާކުރައްވައިފި


  • މޫސުމީ ބަދަލުގެ ރޮނގުން އެއްބާރުލުން ދިނުމާއި ބެހޭގޮތުންވެސް މަޝްވަރާކުރެއްވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޗައިނާގެ ނެޝަނަލް ކޮމިޓީ އޮފް ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއަރމަން ވާންގް ޔޮންގްއާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ނެޝަނަލް ކޮމިޓީ އޮފް ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއަރމަން ވާންގް ޔޮންގް އާ ބައްދަލުކުރައްވާފައިވަނީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ގެ ޗެއާމަން ލުއޯ ޖާއޮހުއެއި އާއި ސީޕީޕީސީސީ ޔުނާން ސެންޓްރަލް ޕްރޮވިންސް ކޮމިޓީގެ ޗެއާމަން ލިއު ސިއާއޮކައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްޤީ ހިމެނޭ ގޮތަށް ނޫ އިޤްތިޞާދެއް ތަރައްޤީކުރުމާއި، ތިމާވެށި ރައްކާތެރިކުރުމާއި، ކަނޑުތައް ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުގެ ރޮނގުން އެއްބާރުލުން ދިނުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި، ފަތުރުވެރިކަމާއި، މަތީ ތަޢުލީމާއި، ޢުމްރާނީ ތަރައްޤީގެ އިތުރުން، ދެޤައުމުގެ މެދުގައި ވެވޭ މަތީ ފެންވަރުގެ އެއްބަސްވުންތަކާމެދުވެސް މަޝްވަރާކުރެެއްވިއެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ޗައިނާ އާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.