ބުދަ ދުވަހުން ފެށިގެން 5 ދުވަހަށް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށާއި މިދުވަސްވަރު ކޮޅިގަނޑުތައް އުފެދުމުގެ ފުރުޞަތު އޮންނަކަމަށެވެ. އެގޮތުން، ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރިފަށާ ދިމާއަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި ރާއްޖެއާ ދުރުން ދެކުނުގައިވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އެ ދެ ކޮޅިގަނޑާ ގުޅިގެން އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުގެ އާންމު ވައި ބާރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން، މި މުއްދަތުގައި ދެކުނާއި މެދުރާއްޖެތެރެއަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވިއެވެ.
ވައިގަދުވުމުގެ ސަބަބުން އުތުރުގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެ ކަމަށް ބަލެވޭއިރު ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި މި ދުވަސްވަރު ގަދަވަޔާއި ވިއްސާރަކޮށް ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކުރެއެވެ.
މީގެ އިތުރުން މި މުއްދަތުގައި ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދަށް އުދައިގެ އަސަރުކުރާނެ ކަމަށް އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.
މޫސުން ގޯސްވާނެތީ ހުރިހާ ފަރާތްތަކުންވެސް، ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން އެ އިދާރާއިން ނެރެމުންދާ އެންމެފަހުގެ މޫސުމީ ނިމުތުތަކާއި ސަމާލުތަކަށް އިސްކަންދިނުމަށް ވަނީ ލަފާދެއްވާފައެވެ.