ޚަބަރު

ފަތުރުވެރިންގެ އަދަދު 1.9 މިލިޔަނަށް، މިދިޔަ އަހަރަށް ވުރެ %8.9 އިތުރު


  • މިއަހަރު މިހާތަނަށް 1،920,119 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

މިއަހަރު މިހާތަނަށް ރާއްޖެ 1.9 މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،920،119 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައިވެއެވެ. މިއަދަދަކީ 1،763،710 ފަތުރުވެރިންނާ އަޅާ ބަލާއިރު %8.9 އިތުރު އަދަދެކެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،892 ފަތުރުވެރިން އާދެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ 14 ދުވަސްތެރޭ ރާއްޖެއަށް ވަނީ 82،484 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %3.3 އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާ، ރަޝިޔާ އަދި އިނގިރޭސިލާތުންނެވެ.

ފަތުރުވެރިން އެންމެ ގިނައިން އަންނަ 3 ޤައުމު:

  • * ޗައިނާ - 257،794
  • * ރަޝިޔާ - 212،685
  • * އިނގިރޭސިވިލާތް - 168،460

ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު ކޮންމެ އަހަރެއްގެ ޑިސެމްބަރުން ފެށިގެން ޕީކް ސީޒަނަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެއެވެ. އެގޮތުން މިދިޔަ އަހަރުވެސް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ ޑިސެމްބަރު މަހުއެވެ. އެއީ 194،690 ފަތުރުވެރިންނެވެ.

ސަރުކާރުން މިއަހަރަށް 2 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އަހަރުގެ ބާކީ 15 ވަރަކަށް ދުވަސް އޮތްއިރު، ސަރުކާރުން އަމާޒަކީ މިއަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ގެނައުމެވެ. އަދި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.9 މިލިޔަން ފަތުރުވެރިން އައިސްފައިވާއިރު މިއަހަރުގެ އަމާޒު ހާސިލްކުރަން ދެން ބޭނުންވަނީ 79،881 ފަތުރުވެރިންނެވެ.