ޚަބަރު

ޕެރިސް އެއްބަސްވުން މުއްސަނދި ޤައުމުތަކުން ތަސްދީޤުކުރަންޖެހޭ


މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް އެކުލަވާލާފައިވާ "ޕެރިސް އެގްރީމެންޓް" ތަޞްދީޤުކުރުމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ދުނިޔޭގެ މުއްސަނދި ޤައުމުތަކަށް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ތަކުރާރުކޮށް ގޮވާލައްވާފައި މިވަނީ އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "ދަ ގާޑިއަން" އަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް އެކުލަވާލާފައިވާ "ޕެރިސް އެގްރީމެންޓް" ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ބާރަވަނަ ދުވަހުއެވެ. ފަރަންސޭސިވިލާތުގެ ޕެރިހުގައި ކުރިއަށްދިޔަ އ.ދ.ގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބެހޭ ސަމިޓު ކޮޕް ޓުވެންޓީ-ވަންގައި ފާސްކޮށްފައިވާ މި އެއްބަސްވުމުގެ ދަށުން ޤައުމުތަކުންވަނީ، 2050 ވަނަ އަހަރާއި ހަމައަށް، ދުނިޔެ ހޫނުވަމުން އަންނަ މިންވަރު ދޭއް ޑިގްރީ ސެލްސިއެސް އަށްވުރެ ދަށުގައި ހިފެހެއްޓުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމަކީ، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރު ކުޑަކުރުމަށް ހުރިހާ ޤައުމަކުން އެއްބަސްވި "ތާރީޚީ" ފުރަތަމަ އެއްބަސްވުމެވެ. 

މި އެއްބަސްވުމުގައި ޤައުމުތަކުން ސޮއިކޮށްފައިވަނީ އޭޕްރިލް މަހުގެ ބާވީސްވަނަ ދުވަހުއެވެ. އަދި، ދިވެހިރާއްޖެ ވެގެންގޮސްފައިވަނީ މި އެއްބަސްވުމުގައި ސޮއިކުރި އެންމެ ފުރަތަމަ ޤައުމުތަކުގެ ތެރެއިން ޤައުމަކަށެވެ. މި އެއްބަސްވުން އެކުލަވާލުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ރާއްޖެއިންދަނީ މި އެއްބަސްވުމުން ތަސްދީޤްކުރުން އަވަސްކުރުމަށް ދުނިޔެއަށް ބާރު އަޅަމުންމެވެ. މިގޮތުން، އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް މިވަނީ، މި އެއްބަސްވުން ތަސްދީގުކުރުމަށް ގޮވާލާ ގޮވާލެއްވުން ތަކުރާރު ކުރައްވާފައެވެ. އިނގިރޭސި ވިލާތުގެ ނޫހެއްކަމަށްވާ "ދަ ގާޑިއަން"އަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ތާރީޤް ވިދާޅުވީ، މި އެއްބަސްވުން ތަސްދީގުނުކޮށް ބޭކާރު ގޮތުގައި ހޭދަކުރާނެ އެއްވެސް ވަގުތެއް ނެތްކަމަށެވެ. އަދި، މިއީ ދުނިޔޭގެ މުއްސަނދި ޤައުމުތަކާއި، އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުން ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ މައްސަލައެއްކަމަށެވެ.

img:http://s4.psmnews.mv/images/660x400/14613455060417.jpg|އދގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި، ޕެރިސް އެގްރިމަންޓްގައި ރާއްޖޭގެ ފަރާތުން އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ސޮއިކުރައްވަނީ

މި އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ގިނައީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތައްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ، ތަރައްޤީވެފައިވާ ޤައުމެއްކަމަށްވާ ފަރަންސޭސި ވިލާތުންވެސްވަނީ މި އެއްބަސްވުން ތަސްދީގުކޮށްފައެވެ. މިއީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާއި، ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް މަސައްކަތްކުރުމަށް އެ ޤައުމުން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާކަމެއްގެ ގޮތުގައި ތާރިޤްވަނީ ސިފަކުރައްވާފައެވެ. އަދި ފަރަންސޭސި ވިލާތް މިސާލަކަށް ބަލައި، ތަރައްޤީވެފައިވާ ދުނިޔެއިން މި މައްސަލައާއިމެދު "ސީރިއަސް" ނަޒަރަކުން ބެލުމަށް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.

މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށްވަނީ ބޮޑު ނުރައްކަލަކާއި ކުރިމަތިވެފައެވެ. މީގެތެރެއިންވެސް، އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައިވަނީ ރާއްޖެ ފަދަ ކުދި ޖަޒީމާ ޤައުމުތަކާއި، ކަނޑުގެ އައްސޭރި ފަށުގެ ސަރަހައްދުތަކަށެވެ. އާދަޔާ ޚިލާފަށް ޖައްވު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ފަރުތައް ހަލާކުވަމުންދާއިރު، ރާއްޖެއަށްވެސް މިވަނީ "ކޮރަލް ބްލީޗިންގ" ނުވަތަ މުރަކަ ހުދުވުމުގެ މައްސަލައާއި ކުރިމަތިލާން ޖެހިފައެވެ. މިއީ މި ކުޑަކުޑަ ރަށްތަކުގެ ދެމިއޮތުމާއި، ދިވެހި ރައްޔިތުންގެ ކުރިމަގު، އަދި މި ޤައުމުގެ އިޤްތިޞާދުގެ މައި އެއް ނާރުކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ، 

މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާއި، ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް ދިވެހިރާއްޖެއިން ދަނީ ހުއްޓުމެއްނެތި ވަކާލާތު ކުރަމުންނެވެ. އަދި، ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ބާރުތަކަށް ވުރެ ހަރު އަޑަކުން މިކަމާއިމެދު ފިޔަވަޅުތަކެއް އެޅުމަށް ދަނީ ގޮވާލަމުންނެވެ. އަދި، މިއީ ދުނިޔޭގެ ހުރިހާ ޤައުމަކުން އަތުކުރި އޮޅާލާ، އެއް ޢަޒުމެއްގައި، އަތު ގުޅާލައިގެން މަސައްކަތް ކޮށްފިނަމަ ޙައްލު ކުރެވޭނެ މައްސަލައެއްކަން ދުނިޔޭގެ އިޤްތިޞާދީ ބާރުތަކަށް ވިސްނައިދޭން ރާއްޖެއިން ދަނީ މަސައްކަތް ކުރަމުންނެވެ.