ޚަބަރު

އެފްއެސްއެމްގެ އެމްޑީއަކަށް ފާތިމަތު އާޝާން، އެސްޓީއޯ ގްރޫޕްގެ ފުރަތަމަ އަންހެން އެމްޑީ


  • އޭނާ މަޤާމަށް އައްޔަންކޮށްފައިވަނީ މިއަދު

  • އޭނާ ވަނީ އެސްޓީއޯގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައި

ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ އައު މެނޭޖިންގ ޑިރެކްޓަރަކަށް ފާތިމަތު އާޝާން އައްޔަންކުރައްވައިފިއެވެ. ފާތިމަތު އާޝާން މި މަޤާމަށް އައްޔަންކުރެއްވުމާއިއެކު އޭނާ ވެފައިވަނީ އެސްޓީއޯ ގްރޫޕްގެ ފުރަތަމަ އަންހެން މެނޭޖިންގ ޑިރެކްޓަރަށެވެ.

އެފްއެސްއެމްގެ އެމްޑީގެ މަޤާމަށް ފާތިމަތު އާޝާން އައްޔަންކޮށްފައިވަނީ މިއަދުއެވެ. އާޝާން ވަނީ އެސްޓީއޯގައި ގިނަ ދުވަސްތަކެއް މަސައްކަތްކުރައްވާފައިވާފައެވެ. އެގޮތުން 1994 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް އޭނާ ވަނީ އެސްޓީއޯގެ ހެޑް އޮފް ބިޒްނަސް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވްގެ މަޤާމު އަދާކުރައްވާފައެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް އޭނާ ވަނީ މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަޤާމުވެސް ފުރުއްވާފައެވެ.

ފާތިމަތު އާޝާން އެފްއެސްއެމްގެ އެމްޑީގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އިސްމާއިލް ސުހައިލް އެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.