ޚަބަރު

ފުރަތަމަ 11 މަސްދުވަހު ދައުލަތަށް ޢާމްދަނީގެ ގޮތުގައި 31.9 ބިލިޔަން ރުފިޔާ


  • އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓެކްސް އާމްދަނީން

މިއަހަރުގެ ފުރަތަމަ 11 މަސްދުވަހު ދައުލަތަށް ޢާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 31.9 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދައުލަތުގެ ޢާމްދަނީއާއި ޚަރަދުތައް ހިމެނޭގޮތުން ކޮންމެ ހަފްތާއަކުވެސް މާލީ ވުޒާރާއިން އަންނަނީ "ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް" ރިޕޯޓް އާންމުކުރަމުންނެވެ. މި ރިޕޯޓުން ދައްކާގޮތުން ޑިސެމްބަރ 5 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޢާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 31.9 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 31.1 ބިލިޔަން ރުފިޔާއެވެ.

މިއަހަރުގެ ފުރަތަމަ 11 މަސްދުވަހު ދައުލަތަށް ލިބުނު ޢާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު އަދަދެވެ. މި މުއްދަތުގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް 24.3 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީ އުޅުނީ 22.3 ބިލިޔަނުގައެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ގުޑްސް އެންޑް ސަރވިސް ޓެކްސް، ޖީއެސްޓީގެ ގޮތުގައެވެ. އެއީ 13.2 ބިލިޔަން ރުފިޔާއެވެ. ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީގެ ގޮތުގައި 5.8 ބިލިޔަން ރުފިޔާ އަދި އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

މާލީ ވުޒާރާގެ ރިޕޯޓުން ދައްކާގޮތުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިއަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 7 ބިލިޔަން ރުފިޔާއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 691 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދު ހުރީ 43 ބިލިޔަނުގައެވެ. އެއީ ރިކަރަންޓް ޚަރަދުތަކަށް ހޭދަކުރި 12.4 ބިލިޔަން ރުފިޔާއާއި ކެޕިޓަލް ޚަރަދުތަކަށް ހޭދަކުރި 12.9 ބިލިޔަން ރުފިޔާއެވެ.

މި މުއްދަތުގައި ދައުލަތުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. އެގޮތުން މުސާރައަށް 5.6 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މާލީ ވުޒާރާގެ ރިޕޯޓުން ދައްކައެވެ.