ޚަބަރު

ވޮލީގައި މީގެ ކުރިން ފެނުނު މަންޒަރު ބަދަލުވެއްޖެ: ފައްލޯ


ނިމިގެންދިޔަ އިންޓަރ ސުކޫލް ވޮލީބޯޅަ މުބާރާތާއެކު ވޮލީގައި މީގެ ކުރިން ފެނުނު މަންޒަރު ބޮޑުތަނުން ބަދަލުވެފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ޔޫތު ޑިވެލޮޕްމަންޓް އޮފިސަރު ފަތުހުﷲ ވަހީދު (ފައްލޯ) ބުނެފިއެވެ.

ފައްލޯ މިހެން ވިދާޅުވީ ޕީއެސްއެމް އިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަމުންނެވެ. ޕްރޮގްރާމުގައި ވާހަކަދައްކަމުން ފައްލޯ ބުނީ ވޮލީގައި މިހާރު އަތޮޅުތެރެއާއި މާލެ ފެންނަނީ ދާދި ހަމަހަމަކޮށް ކަމަށެވެ. އަދި އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ފައްލޯ ވަނީ މި ފަހަރުގެ އިންޓަރ ސްކޫލް ވޮލީ މުބާރާތަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އެގޮތުން މިފަހަރުގެ މުބާރާތުން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ދުރާލާ ސްކޫލުތަކުން ވި ތައްޔާރީތައް ކަމަށާއި، މުބާރާތުގައި ބައިވެރިވި އަދަދުތަކުން މުބާރާތުގެ ކާމިޔާބުކަން ހާމަވެގެންދާ ކަމަށްވެސް ފައްލޯ ބުންޏެވެ.

ފައްލޯ ބުނީ މިދިޔަ އަހަރުވެސް މުބާރާތް ބޭއްވިގެންދިޔައީ ގިނަ ދުވަސްތަކަކަށްފަހު، ގޮންޖެހުންތަކާއެކު ކަމަށެވެ. އަދި އެ ފަހަރު މާލޭގެ ސްކޫލުތަކަށް ދިމާވި ގޮންޖެހުންތައް ގިނަ ކަމަށާއި، އެކަމަކު މިދިޔަ އަހަރާ އަޅާބަލާއިރު، މި ފަހަރުގެ މުބާރާތުން ނުކުތް ނަތީޖާ ތަފާތު ބޮޑު ކަމަށްވެސް ވަނީ ބުނެފައެވެ.

"އޭގެ ތެރޭގައި އަތޮޅުތެރެ އާއި މާލޭގެ ވޮލީގެ ހުނަރު އެއްވަރުވެގެން ދިޔަތަން މި ފެނިގެންދިޔައީ. މީގެ އިތުރުން މާލޭގެ ދެ ސުކޫލެއް އަޙްމަދިއްޔާ އާއި ސީއެޗްއެސްއީ ވަރަށް ވާދަވެރިކޮށް ފެނިގެންދިޔައީ. ފައިނަލް މެޗެއްގައި ފެންނާނެ ހުރިހާ ކަމެއް މެޗުން ފެނިގެންދިޔަ." ފައްލޯ ވިދާޅުވިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދިޔަ މި ފަހަރުގެ އިންޓަރ ސްކޫލް މުބާރާތުގައި މުޅި ރާއްޖެއިން ވަނީ 80 ޓީމު ވާދަކޮށްފައެވެ. އަދި މާލެއިން 31 ޓީމު ވާދަކޮށްފައިވާއިރު، މިއީ މިހާތަނަށް ވޮލީ މުބާރާތެއްގައި މާލެއިން މިހާ ގިނަ އަދަދެއްގެ ޓީމުތައް ބައިވެރިވި ފުރަތަމަ ފަހަރެވެ.