މަހިބަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅި މާފަރުފަޅާއެކު އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުން ހަގީގަތަކަށް ހަދައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަހިބަދޫއަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދަވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. އެގޮތުން އެންމެ މުހިންމުކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އދ. މާފަރުފަޅަކީ މަހިބަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވުމެވެ. "މާފަރުފަޅު"އަކީ މަހިބަދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސައިދެއްވާފައިވަނީ މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.
މާފަރުފަޅަކީ މަހިބަދޫއާއި އަތޮޅުގެ ތަރައްޤީއަށްވެސް މުހިންމު ސަރަހައްދެއްކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ ރައްޔިތުން އެދުނުގޮތަށް އިޚްތިޞާސްގެ ތެރޭގައި އެރަށް ހިމަނާފައިވާއިރު، އަންނަ އަހަރު ރައްޔިތުން އެދޭގޮތަށް ކޮންސެޕްޓު ފައިނަލްކޮށް އަމަލީގޮތުން ބިންހިއްކުމާއެކު ދެންކުރަންހުރި މަސައްކަތްތައް ތަރުތީބުކޮށް، އެތަނަކީ މަހިބަދޫ އާބަން ސެންޓަރެއްގެގޮތުގައި ތަރައްޤީކުރުން ހަގީގަތަކަށް ހަދައިދެއްވާނެކަމަށެވެ.
އާބަން ސެންޓަރުގެގޮތުގައި ރައީސް ވަނީ 7 ރަށެއް ކަނޑައަޅުއްވާފައެވެ. އޭގެތެރެއިން އެއް ރަށަކީ މަހިބަދޫއެވެ. އާބަން ސެންޓަރުތައް ތަރައްޤީކުރަނީ އެންމެ މަތީ ފެންވަރުގެ ހުރިހާ ޚިދުމަތްތަކެއް ޤާއިމްކުރުމުގެ ބޭނުމުގައެވެ. އެއީ ދުރުރާސްތާގެ ތަރައްޤީއަށް ރާއްޖެ ބައްޓަންކުރުމަށް ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
އެއީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެތެރެއިން ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނެވޭނެކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު މިފަށާ މަރުހަލާ، 20 އަހަރުގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭންގައިވެސް ކަންތައް ބައްޓަންވެގެންދާނީ އެގޮތަށް. އެއްވެސް ގޮތަކަށް 7 ސަރަހައްދުން ނިންމާލާކަށްނޫން. އެއީ ކޮންމެހެންވެސް ތަރައްޤީކުރަންޖެހޭ 7 ސަރަހައްދު. އެހެންވީމަ މަހިބަދޫ އާބަން ސެންޓަރަކަށް މި ކަނޑައެޅީ މިފަޅު ހިމަނައިގެން ޑިވެލޮޕްމަންޓްތަކެއް ގެނައުމަށް. ޔަޤީންކަން މިއަރުވަނީ އެގޮތަށް ކުރިއަށް ގެންދާނެކަން" ރައީސް ވިދާޅުވިއެވެ.
މިއާއެކު މަހިބަދޫގެ ބޯހިޔާވަހިކަމށާއި އެ ސަރަހައްދުގެ އިޤްތިޞާދީ މަސައްކަތްތައްވެސް ފުޅާވެ ފައިދާވާނެ ހަބަކަށް މަހިބަދޫ ވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަހިބަދޫގެ މިހާރުގެ ބިމުގައި 100 ހައުސިން ޔުނިޓް ތަރައްޤީކުރުމަކީ އެމަނިކުފާނުގެ ވަޢުދެއްކަން ހަނދާންކުރައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށްޓަވައި ވީހާވެސް ބާރު ދުވެލީގައި ނިންމުމަށް އިސްކަންދެއްވާނެކަމަށެވެ.
“އިރާދަކުރެއވްިއްޔާ 2025 އަހަރުގެތެރޭގައި މިރަށުގައި ޤާއިމްކުރުމަށް 100 ޔުނިޓްގެ ވައުދު ފުއްދާނެ އަހަރު. އެ 100 ޔުނިޓްގެ މަސައްކަތް ފަށާނަން. ވީހާވެސް ބާރުމިނުގައި ގެންގޮސް ނިންމާދޭނެކަމުގެ ޔަޤީންކަން އަރުވަން.”ރައީސް ވިދާޅުވިއެވެ.
މާފަރުފަޅު ހިއްކުމާ ހަމައަށްވެސް މިހާރުގެ ބިމުގައި ލޭންޑު ޔޫސްޕްލޭންގައި ހިމެނޭ އެހެނިހެން ކަންކަންވެސް ފުރިހަމަކޮށްދެއްވާނެކަމަށެވެ. އެގޮތުން ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމާއި އިސްލާމިކް ސެންޓަރު ތަރައްޤީކުރުމާއި ހޮސްޕިޓަލު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.