ޚަބަރު

ވަޔެކާނޯ އާއި ރެއާލް މެޑްރިޑް އެއްވަރު


ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެ، ތާވަލުގެ އެއްވަނަ މަގާމު ހޯދަން ލިބުނު ފުރުސަތު އެ ޓީމުން ނަގާލައިފިއެވެ.

މި މެޗު އެއްވަރުވެފައިވާއިރު ރެއާލް މެޑްރިޑަށް 17 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް 17 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. ވަޔެކާނޯ އަށް 16 މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ.

ވަޔެކާނޯގެ ދަނޑުގައި ކުޅުނު މި މެޗުގެ 4 ވަނަ މިނިޓުގައި އެ ޓީމުގެ އުނެއި ލޯޕޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި މެޗުގެ 36 ވަނަ މިނިޓުގައި ވަޔެކާނޯގެ އަބްދުލް މޫމިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

އަނިޔާގެ ސަބަބުން ރެއާލް މެޑްރިޑްގެ ފޯވަޑް ކިލިއަން އެމްބާޕޭ ކުޅެފައިނުވާއިރު ވިނިޝިއަސް ޖޫނިއަރ ކުޅެން އަރުވާފައިވަނީ މެޗުގެ 63 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

މި މެޗުގެ 39 ވަނަ މިނިޓުގައި ފެޑެރީކޯ ވަލްވާޑް ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ އުންމީދުތައް އައު ކޮށްދީފަ އެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ޖޫޑް ބެލިންހަމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ދެވަނަ ހާފަށް ދެ ޓީމުން ނިކުތްއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާއިރު, ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ރޮޑްރިގޯ ވަނީ ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް އޭގެ 8 މިނިޓް ފަހުން ވަޔެކާނޯގެ އިސީ ޕަލަޒޮން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-3 އަށް ބަދަލުކޮށްފަ އެވެ.

މެޗުގެ ފަހު ވަގުތު ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮއްޓީ ވަނީ މި މެޗުން ތިން ޕޮއިންޓް ހޯދުމަށް ބަދަލުތަކެއް ގެނެސްފަ އެވެ. ނަމަވެސް އިތުރު ލަނޑެއް މި މެޗުގައި އެއްވެސް ޓީމަކަށްވަނީ ޖެހޭ ގޮތް ނުވެފަ އެވެ.