ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ޤައުމީ ވިސްނުމެއްގައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ޝުޖާޢު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބޭރު ފައިސާއާބެހޭ ބިލަށް ވާހަކަފުޅު ދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މި ބިލަށް މެންބަރުން ބަހުސްކުރުމަށްފަހު ވަނީ މަޖިލީހަށް ބިލު ބަލައިގަނެ ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައެވެ.
ބިލަށް ބަހުސް ކުރައްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ރާއްޖޭގެ ދަރަނީގެ ހާލަތާއި ބޭރު ފައިސާގެ ދަތިތަކަމަށް ބަލާއިރު ބޭރުފައިސާއާ ބެހޭ ޤާނޫނަށް ކޮންމެހެން މުހިންމު ކަމަށެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އެފަދަ ޤާނޫނުތައް ހެދިފައިވާ ކަމަށާއި މީގެ ސަބަބުން ރާާއްޖޭގެ އެކި ދާއިރާތަކަށް ފައިދާ ކުރާނެ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ ބޭރުގެ ފައިސާގެ މައްސަލައަށް ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކުންނާއި ބޭރު ފައިސާއިން އާމްދަނީ ލިބޭ ހުރިހާ ފަރާތްތައް އެކުގައި މަސައްކަތްކޮށްގެން ހައްލު ހޯދޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކު ހަނގުރާމަ ކުރުމުގެ ބަދަލުގައި މި ޤައުމު ޑީފޯލްޓް ވިޔަ ނުދީ ހިފެހެއްޓުމައްޓަކައި، އަދި މި ޤައުމަށް ވަންނަ ބޭރު ފައިސާ ހަމަޖެހޭ ގޮތެއްގައި އެއްފަހަރާ ނޫން ކަމުގައިވީނަމަވެސް އަޅުގަނޑުމެންނަށް އެހެން ޤައުމުތަކުން ލޯނު ދެއްކުމަށް ލޯނު އިތުރަށް ނުނަގައި ފަރުޖެއްސެން އެބައޮތޭ ޤައުމީ ވިސްނުމެއްގައި މިކަން ވިސްނައިގެން." މެންބަރު ޝުޖާޢު ވިދާޅުވިއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު ބޭރު ފައިސާ، ހާއްސަކޮށް އެމެރިކާ ޑޮލަރަށް ކޮންމެހެން ބަރޯސާވާންޖެހޭ ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާާއިން ގިނަ އަދަދެއްގެ ޑޮލަރު ލިބޭއިރު މިހާރު އަހަރަކު މާރުކުރަނީ 250 އާއި 300 މިލިޔަން ޑޮލަރު ކަމަށާއި ނަމަވެސް މިހާރު ބިލުގައިވާ މާއްދާތަކަށް އަމަލުކުރަން ފެށުމުން ގާތްގަނޑަކަށް 900 މިލިޔަން ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި މީގެ ސަބަބުން އެކި ސިނާއަތްތަކަށް ފައިދާވާނެކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
"ޓީޓީ ހަދާ ފަރާތްތަކަށް 10 ޕަސެންޓުގެ ބަދަލުގައި 20 ޕަސެންޓް ނުވަތަ 25 ޕަސެންޓް ލިބެންޏާމުން މުދަލުގެ އަގުތައް ދަށަށް ދާނެ. ޑޮލަރުގެ އަގު މައްޗަށް އެރިވަރަކަށް އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ހާލަތު ގޯސްވާނެ. އާންމު ދިރިއުޅުމުގައި ބޭނުންކުރާ ހުރިހާ އެއްޗެއްގެ އަގު މައްޗަށް ދާނެ." މެންބަރު ފަލާހު ވިދާޅުވިއެވެ.
ބިލަށް ބަހުސްކުރައްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިންމު ދާއިރާއަށްވާއިރު އެ ދާއިރާގެ ފަރާތްތަކާ މަޝްވަރާ ކުރަންޖެހޭ ކަމަށެވެ.
"ބިލާމެދު ގޮތެއް ނިންމުމުގެ ކުރިއަށް މިކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް، މަޝްވަރާގެ ރިވެތި މޭޒުން، އެ ފަރާތްތަކަށްވެސް ގެއްލުން ނުވާނެ ގޮތަކަށް ދިވެހި ދައުލަތަށްވެސް ގެއްލުން ނުވާނެ ގޮތަކަށް. ދިވެހި ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް، މުހުތާދުތައް ފިލުވައިދިނުމަށްޓަކައި ކަންކުރެވޭނެ ގޮތެއްގެ މަތިން މި ޤާނޫނު ޤާނޫނަކަށް ވުމަކީ އަޅުގަނޑު އެދޭ ގޮތަކީ." މެންބަރު ޢައްބާސް ވިދާޅުވިއެވެ.
ބޭރު ފައިސާއާ ބެހޭ ބިލުގައިވާ ގޮތުން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، ނުވަތަ އެ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %20 ބޭންކިން ނިޒާމުގެތެރެއިން މާރުކުރަންޖެހޭނެއެވެ. އަދި ރިސޯޓުތައް ފިޔަވައި، ރާއްޖޭގައި ހިންގާ ގެސްޓު ހައުސްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އުޅަނދުތަކާއި އެނޫންވެސް ތަންތަނަށް އަންނަ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އެތަނަކަށް މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ ޢާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭނެއެވެ.