ނޮވެމްބަރުމަހު މީރާއަށް 1.89 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %13.2 އިތުރު އަދަދެކެވެ. އަދި، މިދިޔަ އަހަރުގެ ނޮވެމްބަރުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %19.7 އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި، ނޮވެމްބަރު 2023 ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު ނޮވެމްބަރު 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، މި އަހަރު ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި އާމްދަނީ ލިބިފައިވާތީއެވެ.
އަދި، ނޮވެމްބަރު 2024 ގައި އެއަރޕޯޓް ޓެކުހާއި ފީ އާއި ޖީއެސްޓީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، އޮކްޓޫބަރު 2023 އާ އަޅައިބަލާއިރު އޮކްޓޫބަރު 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %8.5 އަށް އިތުރުވެފައިވާތީ، އެއަރޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ ނޮވެމްބަރުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި އާމްދަނީ ލިބިފައިވުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް އިތުރު ކޮށްފައިވާތީ މިމަހުގެތެރޭގައި އެއްފަހަރާ ނަގާ މި ފީތައް ބަލައިގަނެފައިވުމުންނެވެ.
ނޮވެމްބަރު 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %57.9 ނުވަތަ 1.09 ބިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އިންނެވެ. އެއީ 171.62 މިލިޔަން ރުފިޔާއެވެ.
މީގެއިތުރުން އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 93.14 މިލިޔަން ރުފިޔާ (%4.9)، އާމްދަނީއިން ނަގާ ޓެކުހުގެ ގޮތުގައި 92.79 މިލިޔަން ރުފިޔާ (%4.9)، ޑިޕަރޗަރ ޓެކުހުގެ ގޮތުގައި 91.45 މިލިޔަން ރުފިޔާ (%4.9)، އަދި ގްރީން ޓެކުހުގެ ގޮތުގައި 85.73 މިލިޔަން ރުފިޔާ (%4.5) ލިބިފައިވެއެވެ.
ނޮވެމްބަރު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 88.17 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.