ޚަބަރު

މަސްވެރިކަމާއި ޤުދުރަތީ ވަޞީލަތްތަކާ ގުޅުންހުރި ދާއިރާތަކުން ކިޔެވުމަށް ސްކޮލަރޝިޕްގެ ފުރުޞަތުތަކެއް


  • 7 ދާއިރާއަކުން ކިޔެވުމަށް ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވޭ

  • އަންނަ އަހަރުގެ ޖެނުއަރީމަހުގެ ކުރިން ސްކޮލަރޝިޕަށް އެދި ހުށައަޅަންޖެހޭނެ

މަސްވެރިކަމާއި ޤުދުރަތީ ވަޞީލަތްތަކާ ގުޅުންހުރި ދާއިރާތަކުން ކިޔަވަން ބޭނުންވާ މީހުންނަށް ސްކޮލަރޝިޕަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ "ޓްރާންސްފޯރމިން ފިޝަރީޒް މެނޭޖްމެންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް"ގެ
ދަށުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިންނެވެ. މިއީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ދެ ބަވާތެއްގެ ސްކޮލަރޝިޕްތަކަކަށް ކުރިމަތިލާން ހުޅުވާލާފައިވެއެވެ. އޭގެ ތެރެއިން އެއް ބާވަތުގެ ސްކޮލަރޝިޕްތަކުގައި މަތީ ތަޢުލީމް ޙާސިލްކުރުމަށްފަހު ކަނޑައެޅޭ ވަކި މުއްދަތެއް ވަންދެން މަސްވެރިކަމާބެހޭ ވުޒާރާގައި މަސައްކަތްކުރަންޖެހޭނެއެވެ.

މި ބާވަތުގެ ތެރެއިން ކުރިމަތިލާން ހުޅުވާލާފައިވަނީ ފިޝަރީޒް ސައިންސް ނުވަތަ މެރިން ސައިންސްގެ ދާއިރާއާއި އެކުއަރކަލްޗަރގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާސިލްކުރުމަށެވެ. މީގެ ތެރެއިން ދޭން ހަމަޖެހިފައިވަނީ ފިޝަރީޒް ސައިންސް ކިޔެވުމަށް 2 ފުރުޞަތު، އެކުއަރކަލްޗަރ ކިޔެވުމަށް 1 ފުރުޞަތެވެ.

ދެވަނަ ބާވަތުގެ ސްކޮލަރޝިޕަކަށް ހުޅުވާލާފައިވަނީ ވަކި މުއްދަތެއް ވަންދެން ވުޒާރާގައި މަސައްކަތްކުރަން ނުޖެހޭ ގޮތަށެވެ.

ދެވަނަ ބާވަތުގެ ސްކޮލަރޝިޕްގައި ހިމެނޭ ދާއިރާތައް:

• ޕްލާންޓް ޕްރޮޓެކްޝަން / އެންޓޮމޮލޮޖީ / ޕްލާންޓް ޕެތޮލޮޖީ، މާސްޓަރސް ޑިގްރީ
• އެގްރިކަލްޗަރަލް ސައިންސް، ބެޗްލަރސް ޑިގްރީ
• ވެޓެރިނަރީ/ ޒޫލޮޖީ/ އެނިމަލް ސައިންސް، ބެޗްލަރސް ޑިގްރީ
• އެގްރިކަލްޗަރ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ)، ބެޗްލަރސް ޑިގްރީ
• ނެޗުރަލް ރިސޯސް މެނޭޖްމަންޓް / ބެޗްލަރ އޮފް އިކޮނޮމިކްސް، ބެޗްލަރސް ޑިގްރީ

މި ސްކޮލަރޝިޕްތަކުގެ ދަށުން ކޮންމެ ދާއިރާއަކުން ދޭން ހަމަޖެހިފައިވަނީ 1 ފުރުޞަތެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ކޯސްތަކަށް ކުރިމަތިލާން ބޭނުންވާނަމަ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުގެ ކުރިން ވުޒާރާއަށް ހުށައަޅަންޖެހޭނެ ކަމަށެވެ. އެޕްލިކޭޝަން ހުށައަަޅަންޖެހޭނީ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށެވެ. އެޕްލިކޭޝަންތަކާއެކު ހުށައަޅަންޖެހޭ ލިޔެ ކިޔުންތަކުގެ ތަފްސީލާއި ސްކޮލަރޝިޕްތަކުގައި ކަވަރުކޮށްދޭ ފީތަކުގެ ތަފްސީލް ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ.