ޚަބަރު

މާލެ އަތޮޅު ހުރިހާ ރަށެއްގެ މަސައްކަތްތެރިކަން ދެއްކުމަށް ޚާއްޞަ އެކްސްޕޯއެއް ބާއްވަނީ


  • އެކްސްޕޯގައި މާލެ އަތޮޅު ރަށްތަކުގެ އުފެއްދުންތައް ފެންނާނެ

  • އެކްސްޕޯ އޮންނާނީ ދަރުބާރުގޭގައި ފެބްރުއަރީ 6 އިން 8 އަށް

މާލެ އަތޮޅުގެ ހުރިހާ ރަށެއްގެ އުފެއްދުންތައް އެއްތަނަކުން ދެއްކުމަށްޓަކައި ޚާއްޞަ އެކްސްޕޯއެއް ބޭއްވުމަށް މާލެ އަތޮޅު ކައުންސިލުން ނިންމަވައިފިއެވެ. "ކ.އެކްސްޕޯ"ގެ ނަމުގައި ބާއްވާ މި އެކްސްޕޯ އޮންނާނީ ފމިފެށޭ އަހަރުގެ ފެބުރުއަރީ މަހުއެވެ. މި އެކްސްޕޯގައި މާލެ އަތޮޅުގެ ކޮންމެ ރަށަކަށް ޚައްޞަ ސްޓޯލެއް ހުންނާނެކަމަށް މާލެ އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މާލެ އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަނީސް ވިދާޅުވީ މާލެ އަތޮޅުގެ ރަށްރަށުގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން ބޮޑު އާބާދީއަކަށް ދެއްކުމުގެގޮތުން މާލޭ ސިޓީގައި ޚާއްސަ އެކްސްޕޯއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މި އެކްސްޕޯގައި މާލެ އަތޮޅުގެ ރަށްރަށުން އުފައްދާ ކާބޯތަކެއްޗާއި ތަފާތު ފަންނުވެރި އުފެއްދުންތައް ގަނެވެން ހުންނާނެކަމަށް އަނީސް ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ އަތޮޅުގެ ގިނަ ރަށްރަށުގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ގެ ވިޔަފާރިވެސް ކުރާކަން ފާހަގަކުރައްވަމުން އަނީސް ވިދާޅުވީ އެ ރަށްރަށުގައި ހުރި ފަތުރުވެރިކަމުގެ ތަފާތު ފުރުޞަތުތައްވެސް އެކްސްޕޯއިން ފެންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މާލެ އަތޮޅުގެ ހުރިހާކަމެއް ބޮޑު އޯޑިއެންސްކަށް އިސްތިހާރުކޮށްލުން. އަދި އެކްސްޕޯ މި ބާއްވަނީ ރަމަޟާން މަހާ ދިމާކޮށް ކަމަށްވުމުން އެ މަހާ ގުޅުންހުރި ހަވާދުފަދަ ބާވަތްތައްވެސް އެކްސްޕޯގައި ހުންނަ ސްޓޯލްތަކުން ގަނެވެން ހުންނާނެ." އަނީސް ވިދާޅުވިއެވެ.

އަނީސް ވިދާޅުވީ "ކ އެކްސްޕޯ"ގައި މާލެ އަތޮޅުގެ ކޮންމެ ރަށަކަށްވެސް ވަކިން ސްޓޯލެއް ހުންނާނެ ކަމަށެވެ. މާލެ އަތޮޅުގައި މާލެ ފިޔަވައި މީހުން ދިރިއުޅޭ 9 ރަށް އޮވެއެވެ.

"ކ އެކްސްޕޯ" ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހާ ހަމައަށެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައެވެ. މި އެކްސްޕޯ ހިންގައިދޭން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މާލެ އަތޮޅު ކައުންސިލުން މިހާރު ވަނީ ހުޅުވާލާފައެވެ. މިކަމުގެ ތަފްސީލު ދިވެހި ސަރުކާރުގެ ގެޒެޓުގައިވަނީ ޝާއިޢުކޮށްފައެވެ.