މަސްވެރިން ކުރާ ހިއްމަތުގެ އަގު އިޙްތިރާމާއެކު ވަޒަންކުރުމަކީ ޤައުމީ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މަސްވެރިންގެ ދުވަހުގެ ތަޙުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ވާރޭއާއި އަވީގައި ރެއާއި ދުވާލު ބިޔަ ކަނޑުތަކުގައި ދިވެހި މަސްވެރިން ކުރާ ހިއްމަތުގެ އަގު އިޙްތިރާމާއެކު ވަޒަންކުރުމަކީ ޤައުމީ ވާޖިބެއް ކަމަށެވެ.
— Dr Mohamed Muizzu (@MMuizzu) December 10, 2024
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެއްގޮތަށް މަސްވެރިންނަށް މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސަވާފައެވެ.
ރާއްޖޭގެ ކޮންމެ އަތޮޅަކުން އަސާސީ ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، "ފިއުލް ސްޓޯރޭޖްތައް" ގާއިމްކުރުމުގެ މަޝްރޫޢެއްވެސް މިދިޔަމަހުގެ ސަރުކާރުން ވަނީ ފައްޓަވާފައެވެ. މި މަޝްރޫއުގެ ތެރެއިން ރާއްޖޭގެ ހަތަރު ސަރަޙައްދެއްގެ ހަތަރު ރަށަކުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުވެސް ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވާފައެވެ.
މަސްވެރިކަމުގައި ސަރުކާރުގެ ކޮންޓްރޯލް ދޫކޮށްލައްވައި ހުރިހާ ބާރެއް މަސްވެރިންނަށް ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކައުންސިލްތަކުން ބޭނުންވާނަމަ އައިސްޕްލާންޓުތައް ހިންގުމުގެ ފުރުސަތު ސަރުކާރުން ދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.