ތިމާވެށި

ތިމާވެއްޓާބެހޭ ފޯރަމްގައި ބައިވެރިވުމަށް މިނިސްޓަރ ތޯރިޤް ފުރުން


"ފަސްޓް އެލަޔަންސް އެންޑް ކީލިޝަންސް ގްލޯބަލް ފޯރަމް" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް މޮރޮކޯއަށް ފުރާވަޑައިގެންފިއެވެ.

މިމަހުގެ 23 ން 24 ށް މޮރޮކޯގެ ރާބާޠުގައި ބާއްވާ މި ފޯރަމަކީ، މިއަހަރުގެ ނޮވެމްބަރު މޮރޮކޯގެ މަރާކިޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުޢާހަދާގެ 22 ވަނަ ޖަލްސާ (ކޮޕް ޓުވެންޓީ-ޓޫ) އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ފޯރަމެކެވެ.

މިއީ ހޮވާލެވޭ ބައެއް ޤައުމުތަކުގެ ސަރުކާރުތަކަށާއި، ވިޔަފާރިވެރިންނާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާގެ ތަޖުރިބާކާރުންނަށް ދަޢުވަތު އަރުވައިގެން ބާއްވާ ބަދައްލުވުމެކެވެ.

"ފަސްޓް އެލަޔަންސަސް އެންޑް ކޯލިޝަންސް ގްލޯބަލް ފޯރަމް" އަކީ 2020 ގެ ކުރިން ޤައުމުތަކުން ޖައްވަށް ދޫކުރާ ވިހަގޭސް މަދުކޮށް، ސާފު ހަކަތަ އިތުރުކުރުމާއި، އަދި މިކަމަށް ބޭނުންވާ ފައިސާ ހޯދުމާ ބެހޭގޮތުން ފަށާފައިވާ ޙަރަކާތެކެވެ. މި ފޯރަމްގައި "އެލަޔަންސް އޮފް ސްމޯލް އައިލޭންޑް ސްޓޭޓްސް" އެއޯސިސް އިން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެއޯސިސްގެ ރިޔާސަތު ބަލަހައްޓަމުން ގެންދަނީ ދިވެހިރާއްޖެއިން ނެވެ.

މި ފޯރަމްގެ ތެރެއިން ބާއްވާ، ދުނިޔޭގެ ފިނިހޫނުމިން ދެ ޑިގްރީގައި ހިފެހެއްޓުމާ ބެހޭގޮތުން ބާއްވާ ޕެނެލް ޑިސްކަޝަންގައި، ޕެނެލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޠާރިޤަށް ވަނީ ދަޢުވަތު އަރުވާފައެވެ.