ޚަބަރު

ޕީއެސްއެމްގެ ކޭބަލް ޓީވީގެ ޚިދުމަތުގެ އަމަލީ މަސައްކަތް ފަށަނީ


ޕަބްލިކް ސަރވިސް މީޑިއާއިން މުޅި ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ކޭބަލް ޓީވީގެ ޚިދުމަތުގައި، މާލޭގައި ޕީއެސްއެމްއިން ފޮނުވާ ޗެނެލްތައް ރައިޑްކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާންމުކޮށް އިޢުލާންކޮށްފިއެވެ. އަދި މިކަމަށް  ބޭނުންވާ އެހެނިހެން ޓެކްނިކަލް ވަޞީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް އެބަގެންދެއެވެ.

ޕީއެސްއެމްއިން ނިންމާފައިވަނީ، 2017 ގެ ނިޔަލަށް މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ޚިދުމަތްދީ ނިންމުމަށެވެ. އަދި މިއަހަރުގެ ތެރޭގައި ޚިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މުޅިރާއްޖެއަށް ކޭބަލް ޓީވީގެ ޚިދުމަތްދިނުމުގެ ލައިސަންސް ޕީއެސްއެމްއަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިއްޔެ ވަނީ ދެއްވާފައެވެ.

ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއަގެއްގައި ކޭބަލް ޓީވީގެ ޚިދުމަތްދިނުމަކީ ޕީއެސްއެމްގެ މުހިންމު އަމާޒެކެވެ. މިމަސައްކަތް ފަށައިގަތުމުގެ ގޮތުން، ފުރަތަމަ މަރުޙަލާގައި، މި ކުންފުނިން ޤަބޫލުކުރާ އުޞޫލުތަކަކާ އެއްގޮތްވާގޮތުގެ މަތީން މާލޭގައި ޗެނަލްތައް ރައިޑްކޮށްދޭނޭ ފަރާތްތަކެއް ހޯދުމަށް ޢާންމުކޮށް ފުރުޞަތު ހުޅުވާލާފައިވަނީ، ގޭގެއަށް އެޅިފައިވާ ފައިބަރ ނެޓްވާރކެއްގެ ތެރެއިން ކޭބަލްޓީވީގެ ޚިދުމަތް މި ކުންފުންޏަށް ރައިޑްކޮށްދިނުމުގެ ޤާބިލްކަން ހުރި މިކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށެވެ. މިފަދަ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމުގެ ބައްދަލުވުން، މި ޖޫންމަހުގެ 30 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު އެކެއްޖަހާއިރު ބޭއްވުމަށް ވަނީ ނިންމާފައެވެ.

ޕީއެސްއެމްގެ ހެޑް އޮފީސްކަމުގައިވާ ރޭޑިއޯ ބިލްޑިންގގައި ބާއްވާ މަޢުލޫމާތުދިނުމުގެ ސެޝަނުގައި ބައިވެރިވުމުގެ ފުރުޞަތު ދޭން ހަމަޖެހިފައިވަނީ، މި ޚިދުމަތް ރައިޑްކޮށްދިނުމުގެ ޤާބިލްކަން ހުރި ފަރާތެއްކަން ކަށަވަރުކޮށްދޭ ރަސްމީ ލިޔެކިޔުންތަކާއެކު ޙާޟިރުވާ ފަރާތްތަކަށެވެ. އަދި ކުންފުންޏަކުން ނުވަތަ ޤާނޫނީ އެނޫން ޝަޚްޞަކުން މި ސެޝަންއަށް ފޮނުވާ ކޮންމެ މީހެއްގެ އަތުގައިވެސް އެމީހަކު އެ ތަމްސީލުކުރާ ތަނެއްގެ ނަމުގައި މި ސެޝަނަށް ޙާޒިރުވެ، އެ ތަނެއްގެ ނަމުގައި އެންމެހައި ކަންކަންކުރުމުގެ ޕަވަރ އޮފް އެޓާނީ ދީފައިވާ ކަމުގެ ޤަރާރެއް، އެ ޤަރާރަށް ބާރުލިބިދޭ އެންމެހާ ލިޔެކިޔުންތަކާއެކު އެ ފަރާތެއްގެ އަތުގައި އޮންނަންޖެހޭނެއެވެ.

ޕީއެސްއެމްގެ ކޭބަލް ޓީވީ ޚިދުމަތުގައި މާލެއަށް ޗެނަލް ރައިޑްކޮށްދިމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ، އަންނަ ޖުލައިމަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ 2:00ގައެވެ. މިކަން އޮންނާނީ މި ކުންފުނީގެ ހެޑް އޮފީސް ރޭޑިއޯ ބިލްޑިންގގައެވެ. އަދި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޝަރުޠުހަމަވެ، އެ ސެޝަންގައި ބައިވެރިވި ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް އެކަންޏެވެ.