ޚަބަރު

ދެހާހަށްވުރެ ގިނަ ފަތުރުވެރިންނާއެކު އިޓަލީގެ ކުރޫޒްލައިނާއެއް ރާއްޖެއަށް


  • އޭއައިޑީއޭގެ މި ޒިޔާރަތާއެކު ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ

  • ޖުމްލަ 2139 ފަތުރުވެރިން އައިސްފައިވޭ

ދެހާހަށްވުރެއް ގިނަ ފަތުރުވެރިންނާއެކު އިޓަލީގެ ކުރޫޒްލައިނާއެއް ރާއްޖެއަށް އައިސްފިއެވެ.

ސްވިޒަލޭންޑާއި އޮސްޓްރިއާ އަދި ޖަރުމަނުވިލާތުގެ ފަތުރުވެރިންނަށް ޙާއްސަކޮށްގެން އޮޕަރޭޓްކުރާ އޭއައިޑީއޭ ނަމަކަށް ކިޔާ މި ކުރޫޒުލައިނާގެ ރާއްޖެއަށް އައިފައިވަނީ އޮމާންގެ މަސްކަޓުން ފުރައިގެން މިމަހުގެ 8 ވަނަ ދުވަހުއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުއިން ވިދާޅުވީ މި ބޯޓު ރާއްޖެ އައިސްފައިވަނީ 2139 ފަތުރުވެރިނާއި އެކު ކަމަށެވެ. އަދި މިއީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގެ އެދުމުގެ މަތިން ރެގިއުލޭޓަރީ ބަދަލުތައް ގެނައުމަށް ފަހު ރާއްޖެއަށް އައި ފުރަތަމަ ކްރޫޒުލައިނާކަން އެމްއެމްޕީއާރުސީއިން ފާހަގަކުރެއެވެ.

އޭއައިޑީއޭގެ މި ޒިޔާރަތާއެކު ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވޭކަމަށާއި އޭއައިޑީއޭގައި ރާއްޖެއަށް އައި ފަތުރުވެރިންނާއެކު މާލެ އާއި ހުޅުމާލޭގެ ސަރަޙައްދުގައި ހިންގާ ރެސްޓޯރެންޓްތަކާއި ސުވެނިއާ ފިހާރަތަކާއި ދޯނިތަކާއި ގެސްޓް ހައުސްތަކާއި ރީޓެއިލް އައުޓްލެޓްތައް ފަދަ ވިޔަފާރިތަކަށް ހެޔޮ އަސަރުތަކެއް ކުރާނެކަމަށް އެމްއެމްޕީއާރްސީއިން ވިދާޅުވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންގޮސް، މި ސަރަޙައްދުގެ އެންމެ މަތީ ސަފުގައި ހިމަނާލެވޭ ކްރޫޒް މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ބެލެވޭކަމަށެވެސް އެމްއެމްޕީއާރުސީއިން ވިދާޅުވެއެވެ.

އެމްއެމްޕީއާރުސީއިން ވިދާޅުވީ ރާއްޖެއަށް މި ކުރޫޒުލައިނަރ އައުން މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށެވެ. މިއާއެކު ރާއްޖޭގެ އިޤްތިޞާދު ހަރުދަނާވުމުގެ އިތުރުން، ބޭރުގެ ރިޒާވް އިތުރުވެ، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ވެސް މަގުފަހިވެގެންދާނެކަމަށާއި މި ކުރު ނަމަވެސް މުހިންމު ދަތުރު ނިންމާލާ އޭއައިޑީއޭ ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 9ވަނަ ދުވަހުގެ ހަވީރު 6:00 ގައިކަމަށް އެމްއެމްޕީއާރްސީއިން ވިދާޅުވެއެވެ.