ޚަބަރު

ސޫރިޔާގެ ވެރިކަން ވައްޓާލި ހަނގުރާމަވެރިންނަކީ ކޮން ބައެއް؟


ސޫރިޔާގެ އަހުލީހަނގުރާމައިގައި އެ ޤައުމުގެ އަސްކަރިއްޔާއާ ދެކޮޅަށް އިދިކޮޅު ހަނގުރާމަވެރިން ވަރުގަދަ ޙަމަލާތަކެއް ދެމުން ދަނިކޮށް އެ ޤައުމުގެ ރައީސް ބައްޝާރް އަލް-އަސަދު ވަނީ އެ ޤައުމު ދޫކުރައްވައި ފިއްލަވައިފައެވެ. ސޫރިޔާގެ އަސްކަރިއްޔާއިން ވަނީ އަސަދުގެ ވެރިކަން ނިމުނުކަން އެ ޤައުމުގެ ސިފައިންނަށް އަންގައިފައެވެ. މި ދަނޑިވަޅުގައި ޤައުމުގެ ކުރިމަގާއި މަސްލަހަތާ ޙަވާލުވުމަށް އެންމެ ގާތުން މަސައްކަތް ކުރާނެ ކަމަށް ބެލެވެނީ ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ އިސްވެރިޔާ، އަބޫ މުޙައްމަދު އަލް-ޖޫލާނީއެވެ.

އަލް-ޖޫލާނީގެ މަޖާޢަތުން ފާއިތުވި ދުވަސްތަކުގައި ސޫރިޔާގެ ހުޅަނގު އުތުރުގައި އޮތް ޙަލަބް ޕްރޮވިންސަށް ދިން ކުއްލި ނުރައްކާތެރި ޙަމަލާތަކާއި އޭގެ ފަހުން ހުޅަނގު އުތުރުގައި އޮންނަ އިދްލީބާއި ޙަމާއާއި ޙުމްޞަށް ދިން ކާމިޔާބު ޙަމަލާތަކަކީ ފާއިތުވި ދެ ހަފުތާއެއްހާ ދުވަހު ސޫރިޔާގައި ހިނގައިދިޔަ ކަންތައްތައް މެދުވެރިވުމަށް ދިމާވި މައިގަނޑު ސަބަބު ކަމާމެދު ޝައްކެއް ނެތެވެ.

ނަމަވެސް އެ މަސައްކަތުގައި ބައިވެރިވީ ހަމައެކަނި އެޗްޓީއެސެއް ނޫނެވެ. ހަނގުރާމަވެރި އެހެން ޖަމާޢަތްތަކުން ވެސް ވަނީ ސަރުކާރާ ދެކޮޅަށް ތެދުވެފައެވެ. ބެލެވޭ ގޮތުގައި ވެރިކަން ރޫޅި އަސަދުގެ ނިމުން އެހާ ހަލުވި ކަމާއެކު އައީ މުޅި ސޫރިޔާ ވެރިކަމާ ދެކޮޅަށް ތެދުވެފައިވާ ކަމުގެ އިޙްސާސް ކުރެވެން ފެށުމުންނެވެ.

އަލް-ޖޫލާނީ ވަނީ އޭނާގެ ޖަމާޢަތަކީ ބިރުވެރި ޖަމާޢަތެއްގެ ގޮތުގައި ދެކެވެމުން އައި ދެކެވުން ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ޖަމާޢަތަކީ މީހުން ބަލައިގަންނަ، އަދި ވެރިކަމަށް ހެޔޮވަރު ޖަމާޢަތެއް ކަމަށް ދެއްކުމަށް އޭނާ ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އެޗްޓީއެސް އެންމެ ފުރަތަމަ ޤާއިމުކޮށްފައި ވަނީ ޖަބުހަތުލް ނުޞްރާގެ ނަމުގައި 2011 ވަނަ އަހަރެވެ. އޭރު އެ ޖަމާޢަތަކީ އަލް-ޤާޢިދާއާ ސީދާ ގުޅުން އޮތް ބައެކެވެ. އެ ޖަމާޢަތް އުފެއްދުމުގައި އައިއެސްގެ ވެރިޔާ އަބޫ ބަކުރު އަލް-ބަޣްދާދީ ވެސް ބައިވެރިވެފައި ވެއެވެ. އޭރު ޖަބުހަތުލް ނުޞްރާ ދެކެވިފައި އޮތީ ރައީސް އަސަދާ ދެކޮޅަށް ޙަރަކާތްތެރިވާ އެންމެ ނުރައްކާތެރި އަދި އެންމެ ވަރުގަދައަށް މަސައްކަތް ކުރަމުން ދިޔަ ޖަމާޢަތުގެ ގޮތުގައެވެ. އދންނާއި އެމެރިކާއާއި ތުރުކީވިލާތާއި އިތުރު ޤައުމުތަކުން ވަނީ އެ ޖަމާޢަތަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. މިއަދާ ޖެހެންދެން ވެސް އެ ކަން އޮތީ އެގޮތުގައެވެ.

ނަމަވެސް އަލް-ޖޫލާނީ ފަހުން ވަނީ އަލް-ޤާޢިދާއާ އެކު އޮތް ގުޅުން ކަނޑާލައި ޖަބުހަތުލް ނުޞްރާ އުވާލައިފައެވެ. އޭގެ އަހަރެއް ފަހުން އެޗްޓީއެސް ނަމުގައި އަލުން އެ ޖަމާޢަތް އުފެއްދިއެވެ. ދެވަނަ ފަހަރަށް އެ ޖަމާޢަތް އުފެއްދީ އެއް ފިކުރެއްގެ ގިނަ ޖަމާޢަތްތަކާ ގުޅިގެންނެވެ.

ނަމަވެސް އެޗްޓީއެސުން އަލް-ޤާޢިދާއާ އެކު އޮތް ގާތް ގުޅުން ހަޤީޤަތުގައި ވެސް ކަނޑާލައިފައިވާ ކަމާ މެދު އޭރު އެކި ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފައެވެ. މިއަދު ވެސް އެ ސުވާލު ކުރާ ފަރާތްތައް ވަކި މަދެއް ނޫނެވެ. މީގެ އިތުރުން އެޗްޓީއެސަކީ ޝަރުޢީގޮތުން ބަލައި ގަނެވޭނެ ޖަމާޢަތެއްގެ ގޮތުގައި ދެއްކުމަށް އެ ޖަމާޢަތުން ކުރަމުންދާ މަސައްކަތުގެ ހުރަހެއްގެ ގޮތުގައި އެންމެ ބޮޑަށް އޮތީ އެ ޖަމާޢަތުން އިންސާނީ ހައްޤުތަކާ ޚިލާފު ޢަމަލުތައް ހިންގާ ކަމަށް ކުރެވޭ ތުހުމަތުކެވެ.

ނަމަވެސް ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ޖަމާޢަތުން ދައްކަމުންދާ މަންޒަރު ތަފާތެވެ. މިހާރު އެ ޖަމާޢަތް ފެނިގެން ދަނީ އެންމެންގެ ބައިވެރިވުމަށް މަރުޙަބާ ކިޔައި ބައެއްގެ ގޮތުގައެވެ. އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ރޫޙު ދޫކޮށްލާފައިވާ ޖަމާޢަތެއްގެ ގޮތުގައެވެ.

އެހެން ނަމަވެސް ހަޤީޤަތަކީ ފާއިތުވި އަހަރުތަކުގައި އެ ޖަމާޢަތާ ދޭދޭ އެހެން ހަނގުރާމަވެރި ޖަމާޢަތްތަކާއި އިދިކޮޅު ފަރާތްތަކާ ދެމެދު ދެބަސްވުންތަކާއި އަރައިރުންތައް ހިނގާފައިވާ ކަމެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކަން މިހެން ވެދާނެ ކަމުގެ ފުރުޞަތު އެބަ އޮތެވެ. ރައީސް އަސަދުގެ ވެރިކަން ނިމުމަކަށް އައި ނަމަވެސް ސޫރިޔާގައި އޮތް ބައިބައިވުންތަކަށް އަދި އެއްވެސް ބަދަލެއް ނާދެއެވެ. އަސްކަރިއްޔާގެ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދުތައް ފިޔަވައި އެހެން ސަރަޙައްދުތަކަށް އެކި ޖަމާޢަތްތަކުން ވަނީ އަތްގަދަ ކޮށްފައެވެ.

ސޫރިޔާގެ ސިޔާސީ މުސްތަޤުބަލު އެންމެ ބޮޑަށް ބަރޯސާ ވަނީ އެޗްޓީއެސްގެ ނިޔަތާއި ޤާބިލިއްޔަތުގެ މައްޗަށެވެ. ހަމަ އެހެންމެ، ވާދަވެރި އެހެން ޖަމާޢަތްތަކުން ކުރިމަތިކުރާ ފިއްތުންތަކާއި ޝަރުތުތައްވެސް މުހިންމު ދަޢުރެއް ޢަދާ ކުރާނެއެވެ. ސޫރިޔާގެ މައްސަލައާ ގުޅުންހުރި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ދަޢުރުވެސް ވަކި ކުޑައެއް ނުވާނެއެވެ. އޭގެ ތެރޭގައި އަސަދަށް ވާގިވެރިވާ އީރާނާއި ރަޝިޔާއާއި އިދިކޮޅު ހަނގުރާމަވެރިންނަށް ވާގިވެރިވާ ތުރުކީވިލާތް ހިމެނެއެވެ. އަދި ކުރުދީންގެ ބާރުގެ ދަށުގައި އޮންނަ ސޫރިޔާގެ އިރުމަތީ ސަރަޙައްދުތަކުގައި އަސްކަރީ ގޮތުން ޙަރަކާތްތެރިވާ އެމެރިކާ ވެސް ހިމެނެއެވެ. އެ ޤައުމުތަކުން މިހާރު ދާނީ ސޫރިޔާގައި މިހާރު އޮތް ޙާލަތުގައި އެ ބައެއްގެ މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތްތައް ހާޞިލްކުރެވޭނެ ރޭވުންތައް ރާވަމުންނެވެ.