ޚަބަރު

ބްރޯޑްކާސްޓިންގ ދާއިރާއަށް މީހުން ތަމްރީނުކުރުމަށް މަޝްވަރާކޮށްފި


ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިޓުޓްގައި މީހުން ތަމްރީނުކުރުމާ ގުޅޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ޕަބްލިކް ސަރވިސް މީޑިއާއާ ދެމެދު މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރެއްވީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާއި ވެރިންނާއި އަދި ޕީއެސްއެމްގެ އިސް މެނޭޖްމަންޓާއި މެނޭޖްމަންޓުން މިއަދު ސެނެކޯ މާލަމްގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ، ދިވެހި ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރާ މުއައްޒަފުންނާއި މި ދާއިރާއިގައި މަސައްކަތްކުރާނެ ފަންނީ، ޤާބިލް މުއައްޒަފުން ބިނާކުރުމަކީ، މި ދެމުއައްސަސާގެ މައްޗަށް ޤާނޫނު ލާޒިމްކުރާ ކަމަކަށް ވުމާއެކު، މި ދެމުއައްސަސާ ގުޅިވަޑައިގެން ކުރެވިދާނެ މަސަތްކަތްތަކާ ބެހޭގޮތުންނެވެ. މިގޮތުން މީހުން ތަމްރީންކުރަންވީ ދާއިރާތައް ކަޑައެޅުއްވުމާއި، ކިޔަވައިދެއްވާނެ މުޤައްރަރުތައް އެކަށައެޅުއްވުމާއި، ފަންނީ ލަފާ ލިބިދިނުމާއި، ތަމްރީން ދިނުމަށް ބޭނުންވާ ވަޞީލަތްތަކުގެ ކަންކަމުގައި އެއްބާރުލުން ދެއްވުމާ ބެހޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. މި މަޝްވާރާތަކުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް، މުޙަންމަދު ޝަހީބް ދެއްކެވި ވާހަކަގައި، މިޑިއާގެ ދާއިރާއިން މީހުން ތަމްރީންކުރުމުގައި މިހާރު ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ޙައްލުކުރުމުގައި މޯލްޑިވްސް މީޑިއާ އިސްޓިޓިއުޓުން އަދާކުރެވިދާނެ ދައުރުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. img:http://s4.psmnews.mv/images/660x400/14665964803007.jpg|ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް އަދި ޕީއެސްއެމްގެ ބައެއް އިސްވެރިން ފޮޓޯ: ޕީއެސްއެމް ނިއުސް

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، މި އިސްނެގުމުގެ ސަބަބުން ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތްކުރާ އަދި ކުރަން ބޭނުންވާ ފަރާތްތަކަށް މުޅިން އާ ފުރުޞަތުތަކެއް ހުޅުވި، މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ފަންނީ އަދި ޢިލްމީ ގޮތުން ޤާބިލް އަދި މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސް ކަމަށް އިސްކަންދޭ ބަޔަކަށް ހެދުމަށް އެހީތެރިވެދޭނެ ކަމަށެވެ. މިބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާއި އެއްބަސްވެވުނު ކަންކަމަށް ރިޢާޔަތްކުރައްވައި، ޕަބްލިކް ސަރވިސް މީޑިއާއާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ މިއަދު ވަނީ ކަނޑައަޅުއްވާފައެވެ.