މިދިޔަ އަހަރުގެ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަށްވުރެ، މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަމަށް ފަތުުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 1،878،539 ފަތުރުވެރިންނެވެ. ފަތުުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ މިދިޔަ އަހަރުގެ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަށްވުރެ، މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިހާރު އިތުރުވެފައިވާކަމަށެވެ. އެގޮތުން މިއަދުގެ ނިޔަލަށް 1.88 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.88 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެއިން މިއަހަރަށް ކަނޑައަޅާފައިވަނީ 2 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 5700 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވުމާއި ގުޅިގެން ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ވާޞިލުވެވޭނެކަމަށް ބެލެވެއެވެ.
Proud to share that the Maldives has surpassed last year’s total tourist arrivals!
— Ibrahim Faisal (@ifaisalofficial) December 8, 2024
This milestone reflects the dedication of our tourism industry and the support of our visitors.
We remain committed to achieving our 2024 target of 2 million arrivals. pic.twitter.com/GoHgCrE6yx
ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ޢަދަދު ނިމިދިޔަ އަހަރަށްވުރެ އިތުރުވުމާއި ގުޅިގެން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވީ، މިއިން ދައްކުވައިދެނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ބުރަ މަސައްކަތްކަމަށެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު މިދިޔަ އަހަރަށްވުރެ އިތުރުވެފައިވާއިރު، އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ފަސް ޤައުމަކީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީއެވެ.