ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޖަމާޢަތްތައް ފަހަތަށް ޖެއްސުމުގައި އަސަދަށް ވާގިވެރިވުމަށް ހަތިޔާރު އެޅި ޖަމާޢަތްތައް ފޮނުވުމާ ގުޅޭ ގޮތުން ޢިރާޤުގައި ވެރިކަން ކުރާ ޝިޔަޢީ އިއްތިޙާދާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވިސްނަން ފަށައިފިއެވެ. އެ ފަރާތުން މި ކަމާ މެދު ވިސްނަން ފަށާފައި މި ވަނީ، އަސަދުގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި އޮތް ބައެއް ސަރަޙައްދުތަކާއި ރަށްތަކަށް، ހަޔިއަތު ތަޙްރީރް އަލް ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން އަތްގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. 2020ން ފެށިގެން ޙަމަލާ ބަދަލު ކުރުން މެދުކަނޑާއިލާފައި އޮތުމަށް ފަހު، އަސަދުގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި އޮތް ރަށްތަކަށް އެޗްޓީއެސުން ޙަމަލާ ދޭން ފަށާފައި ވަނީ ނޮވެންބަރު 27ވަނަ ދުވަހުއެވެ.
އެޗްޓީއެސްގެ ހަނގުރާމަވެރިންގެ ޙަމަލާތައް ފުރަތަމަ އަމާޒު ކޮށްފައި ވަނީ ހުޅަނގުއުތުރުގައި އޮތް ޙަލަބް ޕުރޮވިންސަށެވެ. އެ ރަށުގެ ދިފާޢުގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިންނާއި ހަތިޔާރު އެޅި ޖަމާޢަތްތައް ފަހަތަށް ޖެއްސުމަށް ފަހު، އެޗްޓީއެސްގެ ހަނގުރާމަވެރިން ވަނީ އެ ޕުރޮވިންސުގެ ބޮޑު ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި އެ ޕުރޮވިންސުގެ ވެރިރަށް ޙަލަބް ސިޓީއާއި މައި ވައިގެ ބަނދަރު ވެސް ހިމެނެއެވެ. އެއަށް ފަހު، ހަނގުރާމަވެރިން ވަނީ ޙަމާއަށް ވެސް ވެރިވެގަނެފައެވެ.
އެޗްޓީއެސުން ބުނީ، ޙަމާއަށް ފަހު އެ މީހުންގެ އަމާޒު ހިފާފައި ވަނީ ޙުމްޞް ހިފުމަށް ކަމުގައެވެ. އަދި، އެ ރަށް ދިފާޢު ކުރަން މަސައްކަތް ކުރަމުން ދިޔަ ސޫރިޔާގެ އަސްކަރިއްޔާގެ ސިފައިން ފަހަތަށް ޖެއްސުމަށް ފަހު، އެ ރަށުގެ ރަށްބޭރުގައިވާ ސަރަޙައްދުތަކަށް ވެރިވެގަނެފައިވާނެ ކަމުގައި އެ ގުރޫޕުން ބުންޏެވެ. ޙުމްޞްގެ އިތުރުން، އުރުދުންގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ދަރްޢާއަށް ވެސް އަތްގަދަ ކޮށްފައިވާނެ ކަމުގައި އެޗްޓީއެސުން ބުންޏެވެ. އެޗްޓީއެސަކީ ނިރުބަވެރި ޖަމާޢަތް، އަލް-ޤަޢިދާއާ ގުޅުން އޮތް ޖަމާޢަތެކެވެ.
އަސަދުގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތައް ހަނގުރާމަވެރި ޖަމާޢަތްތަކުގެ އަތްދަށަށް ވެއްޓުމަކީ، ޢިރާޤުގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ޤައުމުގެ ސަރުކާރުން ޤަބޫލު ކުރެއެވެ. 2003ވަނަ އަހަރު ސޫރިޔާއިން ގިނަ އަދަދެއްގެ ހަނގުރާމަވެރިން ޢިރާޤުގެ ރަށްތަކަށް އަރައިގަނެ، ނުރައްކާތެރި ޙަމަލާތަކެއް ދީފައިވެއެވެ. އެއަށްފަހު، 2013ވަނަ އަހަރު އައިއެސް ޖަމާޢަތުގެ ނިރުބަވެރިން ވެސް ވަނީ ޢިރާޤުގެ ބައެއް ސަރަޙައްދުތަކަށް އަރައި، އެ ޤައުމުގެ ބިމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. އެ ފަދަ ކަމެއް ތަކުރާރުވިިޔަ ނުދިނުމަކީ ޢިރާޤުގައި ވެރިކަން ކުރާ ޝިޔަޢީ ސަރުކާރުގެ އަމާޒެކެވެ.
ޢިރާޤާއި ސޫރިޔާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ޢިރާޤުގެ އަސްކަރިއްޔާއާ ގުޅުން އޮތް ހަނގުރާމަވެރިންގެ ޖަމާޢަތްތަކުން މިހާރު ދަނީ ޖަމާވަމުންނެވެ. އޭގެ ތެރޭގައި، ޕޮޕިޔުލަރ މޮބިލައިޒޭޝަން ފޯސަސް (ޕީއެމްއެފާ) ގުޅިފައިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ އެތަކެއް ހާސް ހަނގުރާމަވެރިން ހިމެނެއެވެ. އެއީ، އީރާނާ ގުޅުން އޮތް ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މައްޗަށް އެކުލެވިގެންވާ އިއްތިޙާދެކެވެ. ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާވަމުންދާ ހަނގުރާމަވެރިންގެ މި ވަގުތުގެ އަމާޒަކީ، ޢިރާޤުގެ ސަރަޙައްދީ ރޮނގު ދިފާޢު ކުރުމެވެ.
ޢިރާޤުގެ ސަރުކާރުގެ މަޞްދަރުތަކުން ބުނީ، ހަނގުރާމަވެރިން ސޫރިޔާއަށް ފޮނުވަން މި ވަގުތު ނިންމާފައި ނުވާ ކަމުގައެވެ. ނަމަވެސް، ސޫރިޔާއަށް ހަނގުރާމަވެރިން ފޮނުވައި، އަސަދުގެ ސަރުކާރުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ސިފައިންނަށް އެހީތެރިވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ކަމާ ގުޅޭ ގޮތުން ނިންމުމެއް ނިންމާނެ ކަމަށް ބެލެވޭ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. ސޫރިޔާގައި ދިރިއުޅޭ ޝިޔަޢީންގެ ސަލާމަތަށް ނުރައްކާވެއްޖެ ނަމަ، ނުވަަތަ އަސަދުގެ ސަރުކާރު ވެއްޓިއްޖެ ނަމަ، ޢިރާޤުގެ ހަތިޔާރު އެޅި ބައެއް ޖަމާޢަތްތަކުން ސޫރިޔާއަށް އަރައިގަންނާނެ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.
ޢިރާޤު ސަރުކާރުގެ ތަރުޖަމާނު ބާސިލް އަލް-ޢަވްޟީ ވިދާޅުވީ، ސޫރިޔާއަށް އެ ޤައުމުގެ އަސްކަރިއްޔާގެ ސިފައިން ފޮނުވައި އަސްކަރީ ހަރަކާތްތަކެއް ފެށުމުގެ ވިސްނުމެއް ނެތް ކަމުގައެވެ. ނަމަވެސް، ސޫރިޔާގެ އަހުލީހަނގުރާމައިގެ ހާލަތު ގޯސްވެ، މަސްރަޙު ހޫނުވުމަކީ ޢިރާޤުގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދެކޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި، އެ ފަދަ ހާލަތެއް މެދުވެރިވާން ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސޫދާނީ ބޭނުންވެ ވަޑައިނުގަންނަވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ބައެއް ޖަމާޢަތްތަކުން މިިހާރު ވެސް ސޫރިޔާއަށް ހަނގުރާމަވެރިން ފޮނުވަން ފަށާފައިވާ ކަން މަޞްދަރުތަކުން ވަނީ ހާމަކޮށްފައެވެ. އެ ޖަމާޢަތްތަކުގެ ބޭނުމަކީ، އަސަދުގެ ސަރުކާރު ދިފާޢު ކުރަން ހަނގުރާމަ ކުރަމުންދާ އަސްކަރިއްޔާގެ ސިފައިންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهގެ މެންބަރުން ވެސް މި ވަގުތު ދަނީ އަސަދުގެ ސަރުކާރަށް ވާގިވެރިވުމުގެ ގޮތުން އެޗްޓީއެސްގެ އަމާޒުތަކަށް ޙަމަލާ ދެމުންނެވެ. އަސަދުގެ ސަރުކާރަށް ދެން އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ރަޝިޔާގެ އަސްކަރިއްޔާއިންނެވެ.