ޚަބަރު

އެމްޑަބްލިޔުއެސްސީން 200 މިލިޔަން ރުފިޔާގެ ބޮންޑު ވިއްކުމަށް ހުޅުވާލައިފި


  • އެމްޑަބްލިޔުއެސްސީން ނިންމާފައިވަނީ ޖުމްލަ 400 މިލިޔަން ރުފިޔާގެ ބޮންޑެއް ވިއްކުމަށް

މާލެ ވޯޓަރ އެންޑު ސްވެރެޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި 400 މިލިޔަން ރުފިޔާގެ ބޮންޑެއް ވިއްކުމަށް ނިންމާ، އޭގެތެރެއިން 200 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ހުޅުވާލައިފިއެވެ.

މޯލްޑިވްސް ސްޓޮކް އެސްކްޖޭންޗުގައި އެމްޑަބްލިއުއެސްސީއިން ބޮންޑެއް އިޝޫކޮށްފައިމިވަނީ ތަރައްޤީގެ މަސައްކަތްތަކަށާއި ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެމްޑަބްލިއުއެސްސީއިން މި ބޮންޑު ވިއްކުމަށް ނިންމާފައިވަނީ 2 މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން، އެމްޑަބްލިޔުއެސްސީގެ ވިޔަނި ޕޯޓަލް މެދުވެރިކޮށް، އިންވެސްޓުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވަނީ 200 މިލިޔަން ރުފިޔާގެ ބޮންޑަކަށެވެ. މި ބޮންޑު ބާޒާރުން ހޯދުމަށް އެކުންފުނިން ނިންމާފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ބާލާއިރު، 7.5 އިންސައްތައިގެ އިންޓަރެސްޓު ރޭޓެއްގައެވެ.

އެމްޑަބްލިޔުއެސްސީއަށް ލިބޭ އާމްދަނީ ޙިއްސާކުރަނީ، ފެނުގެ ޚިދުމަތްތަކުގެ އަގުން 55 އިންސައްތަ އަދި ކުންފުނިން ހިންގާ މަޝްރޫޢުތައް ހިމެނޭ ގޮތަށް ނޮން ޔުޓިލިޓީ އާމްދަނީގެ ގޮތުގައި 45 އިންސައްތަކަމަށް އެކުންފުނިން ބުނެއެވެ. ނަމަވެސް އެ އެމްޑަބްލިއުއެސްސީގެ އަމާޒަކީ
ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމަށްޓަކައި، ހިންގާ މަޝްރޫޢުތައް އިތުރުކޮށްގެން ނޮން ޔުޓިލިޓީ އާމްދަނީ، ޖުމްލަ އާމްދަނީގެ 60 އިންސައްތަ އާ ހަމައަށް އިތުރުކުރުމެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެފައިވަނީ 20އަށް ވުރެ ގިނަ ރަށުގައި ޖުމްލަ 1.3 ބިލިޔަން ރުފިޔާގެ މަސައްކަތް، މި އަހަރުގެ ތެރޭގައި އަލަށް ހޯދާފައިވާކަމަށެވެ. ނަމަވެސް، އެފަދަ މަޝްރޫޢުތައް އިތުރުކުރުމަށްޓަކައި، އިތުރު ވަޞީލަތްތަކާއި އާލަތްތައް ހޯދުމަށް ފައިސާ ބޭނުންވާކަމަށާއި އާންމު ގޮތެއްގައި ފައިސާ ލިބެނީ ވަރަށް ބޮޑެތި އިންޓަރެސްޓް ރޭޓުތަކުގައި ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ކުންފުނީގެ މާލީ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތުން މިދިޔަ އަހަރުގެ ތިން ކުއާޓަރާއި މި އަހަރުގެ ތިން ކުއާޓަރުގެ ތެރޭގައި ޚަރަދުން ސަލާމަތްކުރެވުނު އަދަދު 170 މިލިޔަން އަރާކަމަށް މަޠީން ވިދާޅުވިއެވެ. މީގެ ސަބަބުން ރައްޔިތުންގެ އަތުން އިތުރު އެއްޗެއް ނުނަގައި، އެމްޑަބްލިޔުއެސްސީގެ ސާފު ފައިދާ މި އަހަރު 100 އިންސައްތަ އިތުރުވާނެކަމަށް ވެސް މަތީން ވިދާޅުވިއެވެ.