ތިމާވެށި

މުރަކަ ފަރުތައް ހިމާޔަތްކުރުމަށް ގުޅިގެން މަސައްކަތްކުރަންޖެހޭ


މުރަކަ ފަރުތަކަކީ ދުނިޔޭގައިވާ އެންމެ މުއްސަނދި އީކޯސިސްޓަމްތަކެވެ. އެއީ އެތަނަކަށް، ކަނޑުގައިވާ ދިރޭތަކެތީގެ ތިންބައިކުޅަ އެއްބައި ބަރޯސާވެފައިވާ ތަނެކެވެ. މީގެ އިތުރުންވެސް، ކަނޑުގެ އައްސޭރި ފަށުގައިވާ ޤައުމުތަކާއި ރަށްތައް ހިމާޔަތްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ތަނަކީވެސް މުރަކަ ފަރުތަކެވެ. އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެއަށް ބަލާލާއިރު، އަޅުގަނޑުމެންގެ މުރަކަ ފަރުތަކަކީ، މި ރަށްތަކުގެ ރައްކާތެރިކަމެވެ. އަދި މި ރީތި މުރަކަ ފަރުތަކަކީ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެންމެ ބޮޑު ބައެއް ޙިއްޞާކުރާ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށްވެސް ވަރަށް މުހިއްމު ތަނެކެވެ.

އެމެރިކާގެ މަޝްހޫރު އޮންލައިން ނޫހެއްކަމަށް ހަފިންގޓަން ޕޯސްޓްގައި ޝާޢިއުކޮށްފައިވާ ލިޔުމެއްގައި އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބާރާހީމް ވަނީ، މި ރާއްޖޭގެ ރައްކާތެރިކަމާއި ދެމިއޮތުމަށް މުރަކަ ފަރުތައް ހިމާޔަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުރަކަ ފަތުރައް ހިމާޔަތްކުރުމަށް އެންމެން އަތު ގުޅާލައިގެން މިހާރުން މިހާރަށް މަސައްކަތް ފެށުމަށް ގޮވާލައްވާފައެވެ.

މުރަކަ ފަރުތަކަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ "ކޮރަލް ބްލީޗިންގ" ނުވަތަ މުރަކަ ހުދުވުމުގެ މައްސަލައެވެ. ހޫނުވުމާއި އެލްނީނޯގެ ސަބަބުން ކުރިމަތިވަމުންދާ މި މައްސަލައިގެ ސަބަބުން، ރާއްޖޭގެ ކަނޑުތަކުގެ ފަންސަވީސް އިންސައްތަ ދިރުން އެއަކަށް ބަރޯސާވެފައިވާ މުރަކަ ފަރުތައް މަރުވެ، ކަނޑުގެ ދިރުމުގެ ދެމިއޮތުން ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14613455060417.jpg|އދގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި، ޕެރިސް އެގްރިމަންޓްގައި ރާއްޖޭގެ ފަރާތުން އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ސޮއިކުރައްވަނީ

ނަވާރަ ސަތޭކަ ނުވަދިހަ އަށްވަނަ އަހަރު ދުނިޔޭގެ މުރަކަ ފަރުތަކަށް، އަދި ރާއްޖޭގެ ފަރުތަކަށް ކުރިމަތިވި ހުދުވުމުގެ މައްސަލައަށްވުރެ ނުރައްކާތެރި މިންވަރަކަށް މިހާރު ހުދުވުމުގެ މައްސަލަ ކުރިމަތިވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި، މި އަހަރުގެ ފެބްރުއަރީމަހު ކަނޑުއަޑީގެ ހޫނުމިން އެވްރެޖް މިންވަރަށްވުރެ އެކެއް ޕޮއިންޓް ތިނެއް ފަހެއް އިންސައްތަ މައްޗަށް ދިޔަކަން ފާހަގަކުރައްވާ، މިނިސްޓަރ ވަނީ އިންޑިއާ އަދި ޕެސިފިކް ކަނޑުގެ ގިނަ ސަރަހައްދުތަކެއްގައި މުރަކަ ފަރުތައް މަރުވެ، ނެތި ދިޔުމުގެ ނިސްބަތް ވިހި އިންސައްތައަށް އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

ރާއްޖެއިން މިހާރުވެސް މުރަކަ ފަރުތައް މޮނީޓަރކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާ، މެރިން ރީސަރޗް ސެންޓަރާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ އަދި އައި.ޔޫ.ސީ.އެން ގުޅިގެން މިހާރުވެސް މުރަކަ ފަރުތަކުގެ ޙާލަތު ބައްލަވަމުން ގެންދަވާކަމަށް ތާރީޤް ލިޔުއްވާފައިވެއެވެ. އަދި، ރާއްޖޭގެ ތަރައްޤީގެ ހުރިހާ މަޝްރޫޢެއް ފެށުމުގެ ކުރިން، އެ މަޝްރޫޢުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ނާޒުކު ތިމާވެއްޓަށް ލިބިދާނެ ގެއްލުންތައް ބައްލަވާ، އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް ހައްދަވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި، ތިމާވެށި ހިމާޔަތްކުރުމަށް ވަރަށް ހަރުކަށި ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒު ކުރައްވަމުން ގެންދަވާކަމާއި، ތިމާވެށި ރައްކާތެރިކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދިވެހީން ދެކޭކަމަށްވެސް މިނިސްޓަރގެ ލިޔުމުގައި ފަހާގަކުރައްވާފައިވެއެވެ. 

މިނިސްޓަރ ތާރީޤް ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ފެށެނީ، ދާދި ފަހުން އެކުލަވާލާފައިވާ ޕެރިސް އެއްބަސްވުމަށް ޢަމަލުކުރަން ފަށާ ހިސާބުންކަމަށެވެ. މި އެއްބަސްވުން އެކުލަވާލުމުގައި ރާއްޖެއިން މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ތާރިޤް ވިދާޅުވީ، މި އެއްބަސްވުމުން ގޮވާލަނީ މިހާރުން މިހާރަށް ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށްކަމަށެވެ.

މިނިސްޓަރގެ ލިޔުން ނިންމަވާލެއްވީ، ޗައިނާގެ ހަރުބަހަކަށް އިޝާރާތްކުރައްވާ ދުނިޔެ ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ހަމަ އެންމެ ސިކުންތު ކޮޅެއްވެސް މަޑު ނުކުރުމަށް ގޮވާލައްވަމުންނެވެ.