ޚަބަރު

ސްޓެލްކޯ ބިޒްނަސް ސެންޓަރު ހެދުމުގައި ބައިވެރިވި މުވައްޒަފުންގެ އަގުވަޒަންކުރުމަށް އާއިލީ ހަވީރެއް


  • ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ވަނީ ނިންމާފައި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އާއިލީ ހަވީރެއް ބާއްވައިފިއެވެ.

މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިއަދު ހަވީރު 4:00ން 6:00 އަށް ސްޓެލްކޯ ބިޒްނަސް ސެންޓަރުގައެވެ. މި ހަރަކާތް މިރޭ 8:00ން 9:30އަށް ކުރިއަށްގެންދިއުމަށްވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.

ސްޓެލްކޯއިން މައުލޫމާތު ދެއްވާ ގޮތުގައި މި ހަރަކާތަކީ އެ ކުންފުނީގެ މުވައްޒަފުން ވޭތުވެދިޔަ ހަ މަސް ދުވަހު ބުރަކޮށް މަސައްކަތްކޮށް، ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައިވާތީ، އެ މުވައްޒަފުންގެ ހިތްވަރާއި ޖޯޝާއި މަސައްކަތުގެ ނަމޫނާ އަޚުލާގު ފާހަގަކޮށް، އެ މުވައްޒަފުންގެ ހުނަރުވެރިކަން މުވައްޒަފުންގެ އާއިލާތަކަށް ދައްކާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

ސްޓެލްކޯގެ މި އާއިލި ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ. އެގޮތުން، ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް މިހަވީރުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

ސްޓެލްކޯއިން ތަރައްގީކޮށްފައިވާ ބިޒްނަސް ސެންޓަރު ވަރަށް އަވަހަށް ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވަނީ ވިދާޅުވެފައެވެ. މިއީ ކުރު މުއްދަތެއްގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ ހުނަރުތައް ފެނިގެންދިޔަ މަސައްކަތެއް ކަމަށާއި އެ އިމާރާތް ހެދުމުގައި މުވައްޒަފުންގެ އެއްބާރުލުމުގެ ސަބަބުން ކުންފުންޏަށް މާލީގޮތުން ފައިދާވިކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.