ޚަބަރު

ޕީއެސްއައިޕީއަށް ކުރި ހޭދަ 9.2 ބިލިޔަނަށް، އެންމެ ބޮޑު ޚަރަދެއް އެއަރޕޯޓު ތަރައްޤީކުރުމާއި ބިން ހިއްކުމަށް


  • ސްޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައިވާ އަދަދާއި އެކު މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުގެ ޖުމްލައަކީ 10.9 ބިލިޔަން ރުފިޔާ

އަހަރުގެ މިހާތަނަށް ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީ އަށް ދައުލަތުގެ ބަޖެޓުން 9.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

ޕީ.އެސް.އައި.ޕީއަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމަށް ދައުލަތުން އިސްކަންދޭ މަޝްރޫޢުތައް ހިމެނޭ މެދުރާސްތާ ޕްލޭނެކެވެ.
މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ހިމަނާފައިވަނީ 8.9 ބިލިޔަން ރުފިޔާއެވެ. އަދި ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް މިދިޔަ އޮކްޓޫބަރުމަހު ފާސްކޮށްފައިވާ 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓުގައިވަނީ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް 2 ބިލިޔަން ރުފިޔާ ހިމަނާފައެވެ. އެހެންކަމުން މިއަހަރަށް ޕީ.އެސް.އައި.ޕީއަށް ވަނީ 10.9 ބިލިޔަން ރުފިޔާގެ ބަޖެޓެއް ލިބިފައެވެ.

މާލީ ވުޒާރާއިން ނެރެފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން ނޮވެމްބަރުމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން 9.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މަގު ހެދުމާއި، ބިން ހިއްކުން އަދި ދަތުރުފަތުރުގެ މަޝްރޫޢުތަކަށެވެ.

ޕީ.އެސް.އައި.ޕީ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ:

*އެއަރޕޯޓްތައް ތަރައްޤީކުރުމަށް – 2.3 ބިލިޔަން ރުފިޔާ
* ބިން ހިއްކުމުގެ މަޝްރޫޢުތަކަށް – 2.0 ބިލިޔަން ރުފިޔާ
*ބުރިޖު މަޝްރޫޢަށް – 995.3 މިލިޔަން ރުފިޔާ
* ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް – 699.3 މިލިޔަން ރުފިޔާ
* މަގު ހެދުމުގެ މަޝްރޫޢުތަކަށް – 552.2 މިލިޔަން ރުފިޔާ
* ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް – 337.2 މިލިޔަން ރުފިޔާ

އަންނަ އަހަރަށް 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، ބަޖެޓުގެ ބޮޑު ބައެއް ޚާއްސަކޮށްފައިވަނީ ޕަބްލިކް ސެކްޓަރ އިއިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީ އަށެވެ. އެގޮތުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް 12.4 ބިލިޔަން ރުފިޔާވަނީ ހިމަނާފައެވެ.

ސަރުކާރުން ވަނީ ޕީއެސްއައިޕީ މަޝްރޫޢުތައް ތަރުތީބުކޮށް ހިންގުން ހަރުދަނާ ކުރުމަށް ހާއްސަ ބަދަލުތަކެއް ގެނައުމަށް ނިންމަވާފައެވެ. އެގޮތުން ޕީއެސްއައިޕީ މަޝްރޫޢުތައް ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ގާއިމްކޮށް، އަލަށް ފަށާ މަޝްރޫޢުތަށް ވަކި އުސޫލެއްގެތެރެއިން ގެންދިޔުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.