މާލޭ އެއްގަމު ތޮށި މަރާމާތުކުރުމުގެ، ޑިޒައިން މަސައްކަތް ކުރުމަށް ޖަޕާނުގެ ކޮންސަލްޓަންޓަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު، އިބްރާހީމް ޠަޢާމް މުޙައްމަދުއެެވެ. ޖަޕާނުގެ ކޮންސަލްޓަންޓް ޓީމްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް ކޮންސަލްޓަންޓް ހިރޯމީ ނަމިކީއެވެ.
އިމާރާތް ކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިއެއްބަސްވުމަކީ މާލެސިޓީގެ އެއްގަމު ތޮށި މަރާމަތުކުރުމުގެ މަސައްކަތުގެ ޑީޓެއިލް ޑިޒައިންކުރުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި ހަމައަށް ޑިޒައިނިންގ ފޭސް ނިންމުމަށްވަނީ ރާވާފައިކަމަށް ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ރާއްޖެއާއި ޖަޕާން ސަރުކާރާ ދެމެދު ވަނީ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކޮށް, ގްރާންޓް އެއިޑްގެ އެއްބަސްވުމުގައި އޮކްޓޯބަރު މަހުގެ 28 ގައި ސޮއިކޮށްފައެވެ.
ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާނު ސަރުކާރުން ވަނީ 20 މިލިއަން ޖަޕަނިސް ޔެން ނުވަތަ 140،000 އެމެރިކާ ޑޮލަރު ދޭން ނިންމާފައެވެ.
މީގެ ތިރީހަކަށް އަހަރު ކުރިން މާލޭގެ ވަށާލާފައިވާ ތޮއްޓަކީ ރާއްޖެއާއި ޖަޕާނުގެ ގުޅުމުގެ މުހިންމު ރަމްޒެކެވެ. 1987 ވަނަ އަހަރު މާލެއަށް ބޮޑު ރާޅު އަރާ ލިބުނު ގެއްލުމަކީ، މާލެއަށް ކުރިމަތިވި މޫސުމީ އެންމެ ބޮޑު އެއް ކާރިސާއެވެ. މި ކާރިސާގައި އެތައް ބައެއްގެ މުދަލަށް ގެއްލުން ލިބުނެވެ. އެހެންކަމުން މިފަދަ ކާރިސާތަކުން ސަލާމަތްވުމަށް މާލޭގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ކޮށްފައިވަނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.
މި މަޝްރޫއަށް 1991 އިން 1992 އަށް ޖައިކާއިން ދިރާސާތަކެއް ކުރުމަށްފަހު، އެއްގަމު ތޮށި ޑިޒައިންކުރުމާއި، އެ މަޝްރޫޢގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ 1993 އިން 2002 އާއި ދެމެދުއެވެ.
މާލެ ވަށައިގެން ލާފައިވާ ތޮށިގަނޑަކީ މާލޭގައި ހިންގި ޢުމްރާނީ އެންމެ ބިޔަ އެއް މަޝްރޫޢެވެ.
ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1967 ވަނަ އަހަރުއެވެ. މިއަހަރު ދެ ޤައުމުގެ ގުޅުމަށް 55އަހަރު ވަނީ ފުރިފައެވެ.