ޚަބަރު

ފަރަންސޭސިވިލާތުގެ ސަރުކާރުގެ އިތުބާރު ނެތް ކަމަށް ކަނޑައަޅައިފި


ފަރަންސޭސިވިލާތުގެ ބޮޑުވަަޒީރު މިޝެލް ބަޣުނިޔޭގެ ސަރުކާރުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފިއެވެ. ބަޣުނިޔޭގެ ސަރުކާރު ވައްޓައިލުމާ އެކު، ވިލާތުގެ ދެވަނައަށް އެންމެ ބޮޑު އިޤުތިޞާދު މި ވަނީ ސިޔާސީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައެވެ. އަދި، ޤާނޫނު ހެދުމާއި، ދަރަނި ފޫބެއްދޭނެ ކަމާ މެދު ސުވާލު އުފެދިފައެވެ.

ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ބަޣުނިޔޭ ޢައްޔަން ކުރައްވާފައި ވަނީ މީގެ ތިން މަސް ކުރިންނެވެ. ކަނާތު ފިޔައިގެ މެދުމިނުގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ ބަޣުނިޔޭ އެ މަޤާމަށް ޢައްޔަން ކުރެއްވީ ރައީސް އިމަނުއެލް މެކްޚޮނެވެ. ނަމަވެސް، ބަޣުނިޔޭގެ ސަރުކާރުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައި މި ވަނީ، ޤާނޫނު ހަދާ މަޖިލީހުގައި ކަނާތު ފިޔަގެ ހަރުކަށި ފިކުރަށް ތާޢީދުކުރާ މެންބަރުންނާއި ވައަތު ފިޔަައިގެ ސިޔާސަތުތައް ކުރިއަރުވާ މެންބަރުން ގުޅިގެންނެވެ. ބަޣުނިޔޭގެ ސަރުކާރާ ދެކޮޅަށް 331 މެންބަރުން ވޯޓުދިނެވެ.

ބަޣުނިޔޭގެ ސަރުކާރަކީ، 1958ވަނަ އަހަރަށް ފަހު ފަރަންސޭސިވިލާތުގައި އެންމެ ކުރު މުއްދަތަކަށް ވެރިކަން ކޮށްފައިވާ ސަރުކާރެވެ. އިތުބާރު ނެތް ކަމަށް ޤާނޫނު ހަދާ މަޖިލީހުން ފާސްކުރުމުން، އިސްތިޢުފާ ދެއްވަން ބަޣުނިޔޭއަށް ވަނީ މަޖުބޫރުވެފައެވެ. ފަރަންސޭސިވިލާތުގެ މީޑިޔާތަކުން ބުނީ، ޑިސެންބަރު 5ވަނަ ދުވަހު އޭނާ އިސްތިޢުފާ ދެއްވާނެ ކަމަށް ބެލެވޭ ކަމުގައެވެ.

ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބަޣުނިޔޭގެ ސަރުކާރާ ދެކޮޅަށް ތެދުވެފައި މި ވަނީ، މަޖިލީހުގެ ތާޢީދު ނެތް ބަޖެޓެއް ފާސް ކުރަން މަސައްކަތް ކުރެއްވުމާ ގުޅިގެންނެވެ. 2025ވަނަ އަހަރަށް ލަފާކޮށް ބަޣުނިިޔޭގެ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި، ދަރަނި ކުޑަކުރުމަށް 63.07 ބިލިޔަން ޑޮލަރު ހިމަނާފައިވެއެވެ. "ޖާދުލަކުން ނުވަތަ މަޖިލީހުގައި ހުރަސް އެޅުމުން އެ ޙަޤީޤަތް [ދަރަނި] ގެއްލުވައެއް ނުލެވޭނެ،" ބަޣުނިޔޭ ވިދާޅުވިއެވެ. އަދި، ދެން ވެރިކަމާ ޙަވާލުވާ ސަރުކާރެއް ވެސް ދަރަނި ފޫބެއްދުމުގެ ޒިންމާއާ ޙަވާލުވާން ޖެހޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

އިތުބާރު ނެތް ކަމަށް ފާސްކޮށް އެންމެ ފަހުން ފަރަންސޭސިވިލާތުގެ ސަރުކާރެއް ވައްޓައިލާފައި ވަނީ 1962ވަނަ އަހަރުއެވެ. ފަރަންސޭސިވިލާތަށް މި ވަގުތު ކުރިމަތިވެފައިވާ ކާރިސާ ކުރިމަތިވީ މެކްޚޮންގެ އަމަލުތަކުގެ ސަބަބުން ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޖޫން މަހު އޭނާ އިޢުލާނު ކުރެއްވި ޢާންމު އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައެއް ނެތެވެ.

ބަޣުނިޔޭގެ ސަރުކާރު ވެއްޓި، މެކްޚޮންގެ ބާރުތައް ފަނޑުވެފައިވާ މި ދަނޑިވަޅުގައި، ފަރަންސޭސިވިލާތުން މި އަހަރާ އަލްވަދާޢު ކިޔަނީ ހަރުދަނާ ސަރުކާރެއް ނެތިއެވެ. އަދި، 2025ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ފާސް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވަނިކޮށެވެ. ނަމަވެސް، އެމެރިކާއާ ޚިލާފަށް، ފަރަންސޭސިވިލާތުގެ ޤާނޫނުއަސާސީ ފަރުމާ ކޮށްފައި ވަނީ ސަރުކާރު ހުއްޓުމަކަށް ނާންނާނެ ގޮތަކަށެވެ.

ފަރަންސޭސިވިލާތުގެ ސަރުކާރު ވައްޓައިލާފައި މި ވަނީ، ވިލާތުގެ އިއްތިޙާދު (އީޔޫ)އަށް ވެސް ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އީޔޫގެ ދެން އެންމެ ބޮޑު އިޤުތިޞާދު ކަމުގައި ޖަރުމަނުވިލާތަށް ވެސް ވަނީ ސިޔާސީ ކާރިސާއަކާ ކުރިމަތިލާން ޖެހިފައެވެ. ބަޣުނިޔޭގެ ސަރުކާރުގެ ދިފާޢީ ވަޒީރު ސިބެސްޓިޔަން ލުކޮރްނޫ ވިދާޅުވީ، އެ ޤައުމަށް ކުރިމަތިވެފައިވާ ކާރިސާއާ އެކު ޔޫކްރެއިނަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހިޔަނިއެޅޭނެ ކަމުގައެވެ.

މި ދަނޑިވަޅުގައި، މެކްޚޮންގެ ވެރިކަމާ ދެކޮޅު ފަރާތްތަކުން ދަނީ އޭނާގެ އިސްތިޢުފާއަށް ގޮވައިލަމުންނެވެ. އޭނާގެ އިސްތިޢުފާއަށް ގޮވައިލާފައިވާ ޕާޓީތަކުގެ ތެރޭގައި ވައަތު ފިޔައިގެ ސިޔާސަތުތައް ކުރިއަރުވާ ފްރާންސް އަންބަވްޑް (އެލްއެފްއައި) ޕާޓީ ހިމެނެއެވެ. މެކްޚޮންގެ އިސްތިޢުފާއަށް ފާޅުގައި ގޮވައިލައްވާފައި ނެތް ނަމަވެސް، އިދިކޮޅު މައި ޕާޓީ ނޭޝަނަލް ރެލީ (އާރްއެން)ގެ ވެރިޔާ މަރީން ލެ ޕެން ވެސް ވަނީ މެކްޚޮނަށް ކުރިމަތިވަމުންދާ ފިއްތުންތައް ކުރިއަށް ތަނުގައި އިތުރުވަމުންދާނެ ކަމުގައި ވިދާޅުވެފައެވެ. "އެ ނިންމުން [އިސްތިޢުފާ ދެއްވުން] ނިންމަވާނީ އޭނާ [މެކްޚޮން] އަމިއްލަފުޅަށް،" ލެ ޕެން ވިދާޅުވިއެެވެ.

ފަރަންސޭސިވިލާތަށް ކުރިމަތިވެފައިވާ ސިޔާސީ ކާރިސާއާ ގުޅިގެން އިންވެސްޓަރުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. ޚާއްޞަ ގޮތެއްގައި، ސަރުކާރުން ސޮވެރެން ބޮންޑާއި ސްޓޮކް ގަނެފައިވާ އިންވެސްޓަރުންގެ މެދުގައި އޮތް ކަންބޮޑުވުން އިތުރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އެ ޤައުމަށް ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައި މި ވަނީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ކާރިސާއިން އަރައިގަނެވޭނެ ގޮތްތަކާ ގުޅޭ މަޢުލޫމާތު ފަރަންސޭސިވިލާތުގެ ރައްޔިތުންނާ ހިއްސާ ކުރައްވަން މެކްޚޮން މިއަދުގެ ވަގުތެއްގައި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެ ކަމުގައި އޭނާގެ އޮފީހުން ހާމަކުރިއެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑުވަޒީރު ކަމުގެ މަޤާމަށް އެހެން ބޭފުޅަކު ޢައްޔަން ކުރެއްވުމަށް މެކްޚޮން ނިންމެވުމަކީ ގާތް ކަމެއް ކަމުގައެވެ. އޭނާއަށް ދެން އޮތް ގޮތަކީ ވަގުތީ ސަރުކާރެއް އެކުލަވައިލަން ބަޣުނިޔޭއަށް އެންގެވުމެވެ.