ބަންކަރިންގެ ޚިދުމަތް މިހާރު އޮތީ ފުރަތަމަ މަރުހަލާގައި ކަމަށާއި ކުރިމަގުގައި މިއީ ވަރަށް މުހިންމު ސިނާއަތަކަށް ވާނެކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވެއެވެ. ރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ.
ބަންކަރިންގެ ޚިދުމަތާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވީ ކޮންމެ އިންވެސްޓްމަންޓެއްގައިވެސް ލައިފްސައިކަލެއް އޮންނާނެ ކަމަށެވެ. އަދި މިހާރު ރާއްޖެ އޮތީ އެންމެ ފުރަތަމަ މަރުހަލާގައި ކަމަށާއި ދުނިޔޭގެ ޗާޓުގައި ރާއްޖެ އޮންނަ ސަރަހައްދުގެގޮތުން ބަންކަރިންގ ތަރައްގީވެ ކުރިއަރާދާއިރު މިއީ ވަރަށް މުހިންމު ސިނާއަތަކަށް ވާނެކަމަށް ގަބޫލުކުރައްވާ ކަމަށް ޝިމާދު ވިދާޅުވިއެވެ.
ކޮންމެ އިންވެސްޓްމަންޓެއްގައިވެސް ލައިފްސައިކަލެއް އޮންނާނެ. އަޅުގަނޑުމެން މިހާރު މިތިބީ އެންމެ ފުރަތަމަ މަރުހަލާގައި. ރާއްޖެ އޮތް ތަނުގެ ގޮތުން މިކަން ތަރައްގީވެ ކުރިއަރާ ދާއިރު މިއީ ވަރަށް މުހިންމު ސިނާއަތަކަށް ވެގެންދާނެކަމަށް އަޅުގަނޑު ގަބޫލުކުރަން.https://t.co/wxi9kSace8
— Shimad Ibrahim (@sto_md) December 4, 2024
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދެމުންދަނީ ބައިނަލްއަޤްވާމީ ކުންފުންޏެއްކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ. ބަންކަރިންގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން ގެނައި 2 ބޯޓަކީ ގާތްގަނޑަކަށް 4،000 ޓަނުގެ ތެޔޮ އުފުލޭ ބޯޓުތަކެކެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެން ޚިދުމަތް ދޭ ގޮތަށެވެ. އެހެންނަމަވެސް ސަރުކާރުގެ ވިސްނުން ހުރީ ކުރިމަގުގައި ބިން ހިއްކައިގެން ތެޔޮ ތާނގި ބަހައްޓައިގެން ޚިދުމަތްދިނުމަށެވެ.
ރާއްޖެ އޮންނަ ސަރަޙައްދަކީ ބައިނަލްއަޤްވާމީ އެތައް ލައިނަރއެއް ދަތުރުކުރާ މައި އެއް ރޫޓެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބޯޓުފަހަރެއް އެތައް ބިލިޔަން ޑޮލަރުގެ މުދާ ކޮންޓެއިނަރާއެކު ރާއްޖޭގެ އެންމެ އުތުރުން ދަތުރުކުރެއެވެ.
ބަންކަރިންގެ ޚިދުމަތް ފެށުމުން ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް މުޅިން އަލަށް 400 މިލިޔަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.