ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުން ރިކޯޑް އަދަދަކަށް، ވިޔަފާރިތަކުން އުފެއްދި ތަކެއްޗަށް ފައިސާ ދޫކޮށްފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. ބީސީސީން ވަނީ ފާއިތުވި އެއް އަހަރަކީ އެކުންފުނީގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރުކަން ފާހަގަކުރައްވާފައެވެ.
އޮތެންޓިކް މޯލްޑިވްސް ފިހާރައަކީ ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމަށް ހިންގާ ފިހާރައެކެވެ. އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބީ.ސީ.ސީން ހުޅުވި އޮތެންޓިކް މޯލްޑިވްސް ފިހާރަތަކާއެކު މީގެކުރިން އުފެއްދުންތައް މާކެޓް ނުކުރެވި ތިބި ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުޞަތު ފަހިވެގެން ދިޔައެވެ.
ބީސީސީން ވިދާޅުވީ، މި ސަރުކާރުގެ 1 އަހަރު ދުވަހަކީ ރެކޯޑް ޢަދަދަކަށް އޮތެންޓިކް މޯލްޑިވްސްގައި ތަކެތި ވިއްކާ ވިޔަފާރިތަކަށް ފައިސާ ދޫކުރެވުނު އަހަރެއްކަމަށެވެ. އެގޮތުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އޮތެންޓިކް މޯލްޑިވްސްއިން 24.1 މިލިއަން ރުފިޔާ ސަޕްލަޔަރުންނަށް ދޫކޮށްފައިވާކަމަށް ބީސީސީން ވިދާޅުވެއެވެ. މިއީ އޮތެންޓިކް މޯލްޑިވްސްގެ 5 އަހަރުގެ ތެރޭގައި ދޫކުރި ފައިސާގެ ޖުމްލަ %27 ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. އަދި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އޮތެންޓިކްގެ އެކިއެކި އައުޓްލެޓްތަކުން 3000 އަށްވުރެ ގިނަ އުފެއްދުން ވިކިފައިވާކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.
ބީސީސީން ވިދާޅުވީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގައި މިހާރު 338 ވިޔަފާރިއަކުން އެމީހުންގެ ތަކެތި ވިއްކަމުންދާކަމަށެވެ. މީގެތެރެއިން %60 އަކީ އަންހެން ވިޔަފާރިވެރިންނެވެ. މިއަހަރުގެ ތެރޭގައި އެކަނިވެސް މުޅިން އަލަށް 38 އަށްވުރެ ގިނަ ވިޔަފާރިތަކުން އެމީހުންގެ ތަކެތި ވިއްކަން އޯތެންޓިކްގެ ފިހާރަތަކަށް ލާފައިވާކަމަށް ބީސީސީން ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ތެރޭގައި އޮތެންޓިކް މޯލްޑިވްސްގެ މުޅިން އައު 2 އައުޓްލެޓެއް ވަނީ ހުޅުވާފައެވެ. އެއީ ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުޅުވި އައުޓްލެޓާއި، ތޮއްޑޫގައި ހުޅުވި އައުޓްލެޓެވެ. އެހެންކަމުން މިހާރު އޮތެންޓިކް މޯލްޑިވްސްގެ 5 އައުޓްލެޓް އެބަހުއްޓެވެ.
އޮތެންޓިކް މޯލްޑިވްސްއަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އިތުރުވެ، އުފެއްދުންތައް މާކެޓްކުރުމަށް ބީސީސީން ކޮށްފައިވާ ގިނަގުނަ މަސައްކަތްތަކުގެ ސަބަބުންކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން "ދިވެހިންނަށް އިސްކަން" މި ނަމުގައި އެ ކުންފުނިން ފެށި ކެމްޕެއިންގެ ސަބަބުން ފަތުރުވެރިންގެ އިތުރުން ދިވެހިންގެ މެދުގައިވެސް އޮތެންޓިކް މޯލްޑިވްސްއިން ވިއްކާ އުފެއްދުންތަކަށް އޮތް މަޤްބޫލުކަން އިތުރުވެފައިވާކަމަށް ބީސީސީން ވަނީ ވިދާޅުވެފައެވެ.