ޚަބަރު

ސީ-ޓު-އެއަރ ޚިދުމަތާއި ވަރޖިން އެޓްލާންޓިކް އެއަރލައިން ގުޅިއްޖެ


  • މިހާތަށް 1000 ޓަނުގެ މުދާ ވަނީ ފޯނުވާފައި

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތާއި ވަރޖިން އެޓްލާންޓިކް އެއަރލައިން ގުޅިއްޖެއެވެ. މިއާއެކު މިޚިދުމަތް 12 އެއަރލައިނަކުން ގުޅިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ސީ-ޓު-އެއަރ ކަރގޯ ޚިދުމަތަކީ އެމް.ޕީ.އެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެމްއޭސީއެލް އާއި، އެމްޕީއެލް ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، ސ-ީޓު-އެއަރ ކަރގޯގެ ޚިދުމަތާއެކު ވެލާނާ އެއަރޕޯޓުން ދެމުންދާ ކަރގޯގެ ޚިދުމަތް އިތުރަށް ފުޅާވެގެންގޮސްފައިވާކަމަށެވެ. ދުނިޔޭގެ ކަރގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި އެއެރއަޕޯޓުގެ ޙިއްސާ އޮތުމަކީ ރާއްޖޭގެ އިޤްތިޞާދަށް އެމްއޭސީއެލްއިން ވަމުން އަންނަ ޙިއްސާ އިތުރަށް ވަރުގަދަ ވާނެ ކަމެއް ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތާ އިތުރު އެއަރލައިނަކުން ގުޅިފައިވާއިރު، މިހާރުވެސް 11 އެއަރލައިނެއް މިޚިދުމަތް ދިނުމުގައި ވަނީ ބައިވެރިވެފައެވެ. ވަރޖިން އެޓްލާންޓިކުން ސީ-ޓު-އެއަރގެ ޚިދުމަތާ ގުޅުމުން މިއަދަދު ވަނީ 12 އަށް އިތުރުވެފައެވެ.

ސީޓު އެއަރ ކާގޯ ޚިދުމަތާ ގުޅިފައިވާ އެއަރލައިންތައް

* ޓަރކިޝް އެއަރލައިންސް
* ގަތަރު އެއަރވޭސް
* އެމިރޭޓްސް އެއަރލައިން
* އިއްތިހާދު އެއަރވޭސް
* އެރޯފްލޮޓް
* ނިއޯސް
* ގަލްފް އެއަރ
* ޑިސްކަވަރ އެއަރލައިންސް
* އޮސްޓްރިއަން އެއަރލައިންސް
* ކޮންޑޯ
* ބްރިޓިޝް އެއަރވޭސް
* ވަރޖިން އެޓްލާންޓިކް

އެމްއޭސީއެލްއިން ވިދާޅުވީ، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ، ފުރިހަމަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މި އަހަރު ހުޅުވުނު ކަރގޯ ޓާމިނަލަކީ މިފަދަ ގިނަ ޚިދުމަތްތަކެއްދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓާމިނަލެއް ކަމަށް އެމްއޭސީއެލްއިން ފާހަގަކުރައްވައެވެ.

މިއަހަރުގެ މެއިމަހުގެ ތެރޭގައި ފެށި ސ-ީޓު-އެއަރ ކަރގޯގެ ޚިދުމަތުގައި މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކޮށްފައިވަނީ ބަންގްލަދޭޝުން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގަރމެންޓް ޝިޕްމަންޓްތަކެވެ. އެމްއޭސީއެލްއިން ވިދާޅުވީ ސ-ީޓު-އެއަރ ކަރގޯ ޓްރާންސްޝިޕްމަންޓް ޚިދުމަތުގެ ތެރެއިން މިހާތަނަށް 1000 ޓަނުގެ މުދާ އެކްސްޕޯޓްކޮށްފައިވާ ކަމަށެވެ.

މެއިމަހު ފެށި މިޚިދުމަތުގެ ތެރެއިން މިހާތަނަށް 3 މިލިޔަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ރާއްޖޭގެ އިގުތިސާދުގެ ތެރެއަށް ވަދެފައިވާކަން މީގެ ކުރިން ހާމަކުރައްވާފައެވެ.