ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 13600 އަށްވުރެ ގިނަ މީހުން


  • ތަޢުލީމުގެ ފަހި ފުރުސަތާއި، އިދާރާތަކުން ބޭނުންވާ އެހީހޯދުމުގައިވެސް އެތައް ހުރަހެއް އެބަހުރި

  • މިފަދަ ހުރަސްތައް ކުޑަކުރުމަށް އުސޫލުތަކަށް ބަދަލުގެނެސް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުން

ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާ އެދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. މިގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް، 13600 އަށްވުރެ ގިނަ ފަރާތުންވަނީ މިދަފްތަރުގައި ރަޖިސްޓަރވެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުމަތަޢުގެ އެހެން މީހުންނެކޭވެސް އެއްފަދައިން ކަންކަމުގައި ބައިވެރިވެ، ބޭނުންވާ އަސާސީ ޚިދުމަތްތައް ލިބޭ ބަޔަކަށް ހެދުމަކީ މުހިންމުކަމެކެވެ. އެހެން މީހުންނެކޭވެސް އެއްފަދައިން އިޙްސާސްތަކާއި، ދިރިއުޅުމުގައި އުއްމީދުތަކެއް އެމީހުންގެވެސް ހުންނައިރު، އެކަންކަން ފުރިހަމަ ކުރުމުގައި އެމީހުންނަށް ބޭނުންވަނީ އެހެން މީހުންގެ އެހީތެރިކަމެވެ. މިގޮތުން ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމުގައި ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ، އެފަރާތްތަކާ ބެހޭ ސައްޙަ މަޢުލޫމާތު ލިބެންނެތުމުގެ މައްސަލައެވެ.

އެހެންކަމުން "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުންގެންދަވަނީ ކުރައްވަމުންނެވެ. މިގޮތުން މިދަފްތަރުގައި މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރަޖިސްޓަރވެފައިވާ މީހުންގެ ޢަދަދުވަނީ 13،656 އަށް އަރާފައެވެ. މިދަފްތަރުގައި ހިމެނޭ މަޢުލޫމާތުގެ އަލީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، ބޭނުންވާ އެހީތެރިކަން އެނގޭނެހެން ޑޭޓާބޭސް އެއް އެކުލަވާލުމުގެ މަސައްކަތްކުރައްވަމުންދާކަންވެސް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގެ ތަފްސީލް:

- ޖިސްމާނީ ނުކުޅެދުންތެރިކަން - 3912 މީހުން
- އެއް ޙާލަތަށްވުރެ ގިނަ ނުކުޅެދުންތެރިކަން - 2961 މީހުން
- ވިސްނުމުގެ / ސިކުނޑީގެ ނުކުޅެދުންތެރިކަން - 1954 މީހުން
- އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން - 1720 މީހުން
- ނަފްސާނީ ނުކުޅެދުންތެރިކަން - 1499 މީހުން
- ފެނުމުގެ ނުކުޅެދުންތެރިކަން - 974 މީހުން
- އޯޓިޒަމް - 584 މީހުން
- އުނގެނުމުގެ ނުކުޅެދުންތެރިކަން - 52 މީހުން

މިފަހުން ސަރުކާރުން ފެށި "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ބައެއް ކަންބޮޑުވުންތައް ވަނީ ދެނެގަނެފައެވެ. މިގޮތުން އެންމެ ބޮޑު އެއް މައްސަލައަކީ ވަޒީފާގެ ފުރުސަތާއި ގުޅިގެން އެމީހުންގެ ހުރި ކަންބޮޑުވުމެވެ. އެގޮތުން ދައުލަތުގެ އިދާރާތަކުން ވަޒީފާދޭއިރު، އެފަދަ މީހުންނަށް އެންމެ އެކަށީގެންވާ ނުވަތަ އެންމެ ފުރިހަމައަށް އަދާކުރެވޭނެ ފަދަ ވަޒީފާ ނުލިބޭކަންވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން މިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުންދަނީ އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވަމުންނެވެ.

އެގޮތުން ސަރުކާރުގެ އެކި މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެފަދަ ފަރާތްތަކަށް ކުރެވޭނެ ވަޒީފާތައް ދެނެގަނެ އެހީވެވޭނެގޮތްތައް ބަލައި އަންނަނީ އެފުރުސަތު ހޯދައިދެމުންނެވެ. އެގޮތުން ގެނެވުނު އެންމެ ބޮޑު އެއްބަދަލަކީ ކުރިއާ ޚިލާފަށް ކޮންމެ ނުކުޅެދުންތެރިކަމެއް ހުރިނަމަވެސް، އެ ނުކުޅެދުންތެރިކަމަކާއެކު އަދާކުރެވޭނެ ވަޒީފާތަކެއް ހޯދައި، އިތުރަށްވެސް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް އެކި ޕްރޮގްރާމްތައް ހިންގުމެވެ. މިގޮތުން ސަރުކާރުގެ އެކި އޮފީސްތަކުންދަނީ އިންޓަރންޝިޕްގެ އެކި ފުރުސަތުތައްވެސް އެފަދަ ފަރާތްތަކަށް ފަހިކޮށްދެމުންނެވެ.

ރާއްޖޭގައި އެކިބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ދިރިއުޅެމުން އަންނައިރު، ވަޞީލަތްތައް މަދުވުމާއެކު އެކަށީގެންވާ މިންވަރަށް ތަޢުލީމީ ފުރުސަތު ލިބެން ނެތުމަކީވެސް އެމީހުންނާއި، އެފަދަ ކުދިންނާއި، އެ ޢާއިލާތަކުގެ ކަންބޮޑުވުމެކެވެ. އެހެންކަމުން ދެމެހެއްޓެނިވިގޮތެއްގައި މިފަދަ ކުދިންނަށް ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް މިދާއިރާ އިތުރަށް ހަރުދަނާކުރުމަށްވެސް އެކި މަސައްކަތްތައް ސަރުކާރުން ކުރައްވައެވެ. އެހެނީ ކޮންމެ ކުއްޖެއްވެސް ޝާމިލުވާގޮތަށް ތަޢުލީމީ ނިޒާމު ވަނީ ބަދަލުކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް މިހާރަށްވުރެ ބޮޑަށް، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން ޙިމާޔަތްކޮށް އެމީހުންނަށް ބޭނުންވާ ޚިދުމަތްތައް ކަށަވަރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވައެވެ. މިގޮތުން އެފަދަ ފަރާތްތަކަށް ޚާއްސަ މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުމަށް ޚާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތްދަނީ ކުރައްވަމުންނެވެ.

ހަމައެއާއެކު އިތުރު ފުރުސަތުތައް ފަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގައި އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރަތަމަ ފަހަރަށްވަނީ ދެއްވާފައެވެ.

މުޖުތަމަޢުގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ އެއްބަޔަކަށް ނުކުޅެދުންތެރިކަން ހުންނަ މީހުންވެފައިވާއިރު، ދައުލަތުގެ އެކި މުއައްސަސާތަކާއި އިދާރާތަކުން ލިބެންޖެހޭ ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަތަކެއް ހޯދާދިނުމަށްޓަކައި ސަރުކާރުންގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.