ޚަބަރު

ތޫފާން ފިންޖާލްގެ ސަބަބުން އިންޑިޔާއާއި ސްރީ ލަންކާއިން 19 މަރު


ބޭ އޮފް ބަންގާލް ކަނޑުގައި އުފެދިފައިވާ ނުރައްކާތެރި ތޫފާނެއް ކަމުގައި ފިންޖާލާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި އަވައްޓެރި އިންޑިޔާއާއި ސްރީ ލަންކާއިން 19 މީހުން މަރުވެއްޖެއެވެ. ފިންޖާލްގެ ސަބަބުން އިންޑިޔާގެ ދެކުނު އައްސޭރިފަށުގެ ސަރަޙައްދުތަކަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. ފިންޖާލާ ގުޅިގެން ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ތަމިލް ނާޑޫ ސްޓޭޓާއި ޕުދުޗެރީ ސަރަޙައްދަށެވެ.

އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ފާއިތުވި 30 އަހަރު ޕުދުޗެރީއަށް ވާރޭވެހިފައިނުވާ މިންވަރަކަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދަށް ވާރޭވެހިފައިވާ ކަމުގައެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ތަމިލް ނާޑޫގެ ވެރިރަށް ޗެންނައިއަށެވެ. އެ ރަށުގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ، ޢާންމު ދިރިއުޅުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. ތޫފާނާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި އިންޑިޔާއިން ތިން މީހުން މަރުވިއެވެ.

އިންޑިޔާގެ ވައިގެ ބަނދަރުތަކާ ބެހޭ އިދާރާއިން ބުނީ، ފެންބޮޑުވުމާ ގުޅިގެން ޗެންނައިގެ މައި ވައިގެ ބަނދަރު ވަގުތީ ގޮތުން ބަންދުކޮށް، ވައިގެ އުދުހުންތައް މެދުކަނޑައިލަން ޖެހުނު ކަމުގައެވެ. ނަމަވެސް، ވައިގެ އުދުހުންތައް މިހާރު ވަނީ އަލުން ފަށާފައެވެ.

ތޫފާން ފިންޖާލާ އެކު އިންޑިޔާގެ ސަރަޙައްދުތަކުގައި ވައިވެސް ވަނީ ބާރުވެފައެވެ. އަދި، ފެންބޮޑުވުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ގެދޮރުގައި ތާށިވެފައިވާއިރު، އެ މީހުން ސަލާމަތްކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް ކަމާގުޅޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ޑިންގީ ފަދަ ކުދި އުޅަނދުފަހަރުގައި މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު، އިންޑިޔާގެ ޓީވީތަކުން ޢާންމު ކޮށްފައިވާ ވީޑިޔޯތަކުން ފެނެއެވެ.

ޕުދުޗެރީގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިޔާގެ އަސްކަރިއްޔާގެ ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ސްރީ ލަންކާގެ ސަރަޙައްދުތަކަށް ތޫފާން ފިންޖާލް އެރުމާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި އެ ޤައުމުން 16 މީހުން މަރުވިއެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވިއެވެ. އެ ޤައުމުގެ ކާރިސާތަކާ ބެހޭ މަރުކަޒުން ބުނީ، ފެންބޮޑުވުމާ ގުޅިގެން 139,944 އާޢިލާއަކަށް ގެއްލުން ލިބުނު ކަމުގައެވެ. ފެންބޮޑުވުމާ ގުޅިގެން ސްރީ ލަންކާއިން ވެސް ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނެވެ.